އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ) ސަރުކާރުގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑޮކްޓަރ މުހައްމަދު އަލް ކުވައިތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.

ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫ.އޭ.އީ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުސަތުތައް ފާހަގަކުރައްވައި އެއީ ދެޤައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސްއާއި ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ވަނީ ޑާޓާ ޕްރޮޓެކްޝަނާއި ސައިބަރ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫ.އޭ.އީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫއު ފާހަގަކުރައްވައި، އެކުވެރި އަރަބި އިމާރާތުގެ ރައީސް، ހިޒް ހައިނަސް ޝައިޚް މުހައްމަދު ބިން ޒާއިދު އަލް ނަހުޔާންގެ ދުރުވިސްނުންފުޅާ ލިޑަރޝިޕާ އަދި ދެގައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުންބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ.

ރައީސްއާއި ޔޫ.އޭ.އީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމަށްވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުންނެވެ.