ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ނިންމަވައިފިއެވެ.

މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް އެއްލަކަ ރުފިޔާއިން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވެއެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ތައްޔާރުކޮށްފައިވާ އިޞްލާޙު ބިލުގައި، ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތި، ވަކި މިންވަރަކަށްވުރެ އިތުރަށް އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ހުށަހަޅާފައިވެއެވެ.

މިގޮތިން 500 ގްރާމަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށް އެ ޤާނޫނު ވަނީ ޑްރާފްޓުގައި އިޞްލާޙު ކޮއްފަވެ. މި ޑްރާފްޓް ބިލުގައި 139 ބާވަތެއްގެ މަސްތުވާތަކެތި ބަޔާންކޮށްފައިވެއެވެ. މީގެ ތެރެއިން ކޮންމެ ބާވަތަކުން ވެސް، ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ބަރުދަން ހަމަވެއްޖެނަމަ، އަދި އެ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް މަރުގެ ޙުކުމް އިއްވަންޖެހޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ޑްރާފްޓް މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވާފައެވެ.

މިހާރު ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅިފައިވަނީ ހަމައެކަނި ގަސްދުގައި މީހަކު މެރުމުގެ ކުށަށެވެ. ނަމަވެސް، 1953 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގައި މަރުގެ ޙުކުމެއް ތަންފީޛުކޮށްފައެއް ނުވެއެވެ.