ސައުދީ ސުޕަރ ކަޕުގައި ރޭގައި ކުޅެވިގެންދިޔަ ސެމީ ފައިނަލުގައި އަލްތައާވުން އަތުން 2-0 އިން މޮޅުވެ, އަލްނަސްރު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕްރިންސް ސުލްތާން ބިން އަބްދުލް އަޒީޒް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލު އަލްނަސްރުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗުގެ 8 ވަނަ މިނެޓުގައި އައިމަން ޔަހްޔާ ވަނީ ލަނޑު ޖަހާ އަލްނަސްރަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ސާދިއޯ މާނޭ ތިރިތިރިން ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

އަލްނަސްރުން ލީޑު ނެގުމާއެކު އަލްތައާވުންއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އަލްތައާވުންގެ ފަހަދް އަލްޖުމައްޔާއަށް ހުސްކޮށް ލިބުނު ބޯޅައެއް ވަނީ ގޯލްކީޕަރާ ދިމާލަން ފޮނުވާލެވި, އެ ފުރުސަތު ބޭކާރުވެފައެވެ.

އަލްނަސްރުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އަލްނަސްރުގެ ސުލްތާން އަލްގަނަމް ފަހިކޮށްދިން ފުރުސަތަކުން ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބު ކުރި ލަނޑެކެވެ. ރޮނަލްޑޯ ކާމިޔާބު ކުރި މި ލަނޑާއެކު އޭނާ މިހާރު ވަނީ ޖެހިޖެހިގެން 23 ސީޒަނުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ.

އަލްނަސްރުގެ ބޮޑު މޮޅަށް ހިޔަނިއެޅިގެންދިޔަ ހަމައެކަނި ކަމަކީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އެ ޓީމުގެ އެންމެ މުހިއްމު އެއް މިޑްފީލްޑަރު ކަމުގައިވާ ބްރޮޒޮވިޗްއަށް ރަތް ކާޑު ދެއްކުމެވެ. ބްރޮޒޮވިޗްއަށް ރަތް ކާޑު ދެއްކުމާއެކު އޭނާއަކަށް ސައުދީ ސުޕަރ ކަޕުގެ ފައިނަލުގައި ނުކުޅެވޭނެއެވެ.

ސެމީ ފައިނަލުގައި ލިބުނު މޮޅާއެކު އަލްނަސްރުން މުބާރާތުގެ ފައިނަލުގައި ނިކުންނާނީ ޒަމާންވީ ވާދަވެރިން ކަމުގައިވާ އަލްހިލާލްއާ ދެކޮޅަށެވެ. މި ފޯރިގަދަ ފައިނަލު އޮންނާނީ 17 އޮގަސްޓު ވާ ހޮނިހިރު ދުވަހުއެވެ.