ފަތުރުވެރިންނާއި ޓޫރިޒަމް ދާއިރާގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހުދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓޫރިސްޓް ރިސޯޓްތަކާއި، ސަފާރީ އުޅަނދުތަކާއި، ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ވަނީ ސްނޯކަލް ކުރުމާއި، ފެނާއި އަދި އެހެނިހެން މޫދު ކުޅިވަރުތަކުގެ ތެރޭގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައެވެ. އަދި އެތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޕްލޭންތައް ތަންފީޒުކުރަން ޖެހޭ ޙާލަތްތަކުގައި ފުރިހަމައަށް ތަންފީޒުކުރުމުގެ އިންތިޒާމްތައް ހުރިތޯ ބަލާ ކަށަވަރު ކުރުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރިކަން ބޮޑު ޤައުމެއްގެ ގޮތުގައި ދުނިޔެއަށް މަޝްޙޫރުވެފައިވާ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއްކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް މުޅިންހެން ހުއްޓިފައި އޮތުމަށްފަހު، އެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.