އާއްމު ޙިދުމަތްދޭ ތަންތަނުގެ ތެރެއިން އެޗް.ޕީ.އޭއިން އިންސްޕެކްޓް ނުކުރާ ތަންތަނުގައި، ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތްދޭ ތަންތަންކަން ދެއްކުމުގެ ގޮތުން އަމިއްލައަށް ސްޓިކަރ ހަދައިގެން ތަތްކުރާކަން ފާހަގަކުރެވިފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އެޗް.ޕީ.އޭއިން އިންސްޕެކްޓް ކުރުމަށްފަހު ގައިޑްލައިން އާ އެއްގޮތަށް ހުރި ތަންތަނަށް ދޭ ސްޓިކާއާ އެއްގޮތް ސްޓިކާތައް ހަދައި، އިންސްޕެކްޓް ނުކުރަނީސް ބައެއް ތަންތަނުގައި ތަތްކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ 2 ތަނެއް މިހާތަނަށް ފާހަގަކުރެވިފައިވާކަމަށާއި، އެތަންތަނުގައި އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަންކަން ހުރިނަމަވެސް، ސައްޙަ ނޫން ލިޔުމެއް ބޭނުންކޮށްފައިވާތީ، ފިޔަވަޅު އަޅާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މި ގައިޑްލައިންތަކަކީ ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ހަދާފައިވާ ގައިޑްލައިންތަކަކަށްވާއިރު، އެ އުސޫލުތައް ދަމަހައްޓަންވާނީ އިންސްޕެކްޓް ކުރާ ވަގުތުތަކުގައި އެކަނި ނޫންކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތައް ހިދްމަތް ދޭ ތަންތަނުން ތަންފީޒުކުރާ މިންވަރު ބެލުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރު ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. މި އިންސްޕެކްޝަންގެ ދަށުން ގައިޑްލައިނާ ޙިލާފުތަންތަނަށް ފިޔަވަޅު އަޅައެވެ.
އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެއެވެ. އަދި އުސޫލާ ޚިލާފުވާ 2 ވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް 3 ދުވަހަށް އެތަނެއް ބަންދުކުރާނެއެވެ. އުސޫލާއި ޚިލާފައިވާ 3 ވަނަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކޮށް އެތަނެއް 5 ދުވަހަށް ބަންދުކުރާނެއެވެ.