މެންޗެސްޓާ ސިޓީ ދޫކޮށް އެޓުލެޓިކޯ މެޑްރިޑާ ގުޅުނީ ތަފާތު ޗެލެންޖެއް ބޭނުންވާތީ ކަމަށް އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް, ޖޫލިއަން އަލްވަރޭޒް ބުނެފިއެވެ.
ދާދި ފަހުން 100 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް އެޓުލެޓިކޯ މެޑްރިޑާ ގުޅުނު ހުނަރުވެރި ފޯވާޑް ބުނި ގޮތުގައި އޭނާ ސިޓީ ދޫކޮށް އެޓުލެޓިކޯއަށް އައީ އޭނާގެ ކެރިއަރުގައި ތަފާތު ތަޖުރިބާއެއް ކުރަން އެދޭތީ ކަމަށެވެ. އަލްވަރޭޒް ބުނި ގޮތުގައި އެޓުލެޓިކޯގައި އޭނާގެ ހުނަރުތައް އޭގެ އެންމެ ފުރިހަމަ މިންވަރަށް ކުރިއެރުވޭނެ ކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.
"އަހަރެން ބޭނުންވީ ފުޓުބޯޅަ ކެރިއަރުގައި ތަފާތު ތަޖުރިބާއެއް ކޮށްލަން. އަހަރެން އެޓްލެޓިކޯއަށް އައީ މި ކްލަބު ކާމިޔާބީއަށް ވާސިލުކުރުމުގެ ވަރުގަދަ އަޒުމުގައި. އަމާޒަކީ އެޓުލެޓިކޯ މެޑްރިޑަކީ ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކްލަބަކަށް ހެދުން" ސިޓީ ދޫކޮށް އެޓްލެޓިކޯއަށް ސޮއިކުރުމާ ބެހޭ ގޮތުން ވާހަކަދައްކަމުން އަލްވަރޭޒް ބުންޏެވެ.
މި ދިޔަ ސީޒަނުގައި ސިޓީއާއެކު ތަފާތު ކުޅުމެއް ދެއްކި އަލްވަރޭޒް އެޓުލެޓިކޯއާ ގުޅުނީ ސިޓީއިން އޭނާއަށް އެދެވޭ ވަރަށް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ. މި ދިޔަ ސީޒަނުގައި އަލްވަރޭޒް ސިޓީއަށް 19 ލަނޑު ކާމިޔާބު ކުރި ކަމުގައިވިއަސް އޭނާއަށް ވަނީ ފުރަތަމަ ޓީމުން ފުރުސަތު ލިބޭ ގޮތް ނުވެފައެވެ.
އަލްވަރޭޒް, އެޓުލެޓިކޯ މެޑްރިޑުގެ ޖާރޒީއެއްގައި ފެނިގެންދާނެ ފުރަތަމަ މެޗުގެ ގޮތުގައި ލަފާ ކުރެވެނީ 20 އޮގަސްޓުގައި އެޓުލެޓިކޯ, ވިއަރިއާލްއާ ދެކޮޅަށް ސްޕެނިޝް ލަލީގާގައި ނިކުންނަ މެޗެވެ.