ފުވައްމުލަކުގައި މާދަމާ 60 އަހަރު މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ ކޮވިޑް-19 ރޯގާއިން ދިފާޢުވާ ވެކްސިން މިއަދުވެސް 80 އަހަރުން މަތީގެ މީހުންނަށް ޖެހުން ކުރިއަށް އެބަދާ ކަމަށާއި މެންދުރު ކުރީގައި ވެކްސިން ޖަހަން މީހުން އަންނަ އަދަދު ވަރަށް މަދުކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެނާ ވިދާޅުވީ މާދަމާ އިން ފެށިގެން ވެކްސިން ޖަހަމުން ގެންދާ އުމުރުފުރާ 60 އަހަރުން މަތީގެ އުމުރަށް ބަދަލުކުރުމަށް ހޮސްޕިޓަލުން ތައްޔާރު ވަމުންދާ ކަމަށެވެ.

އެހެންކަމުން 80 އަހަރުން މަތީގެ ބޭފުޅުން މިއަދު ވެކްސިން ޖަހާ ނިންމެވުން ސައީދު ވަނީ އެދެވިގެންފައެވެ.

"މިހެން މި ދަންނަވާލީ ވެކްސިން ޖަހާ އުމުރު 60 އަހަރުން މައްޗަށް ބަދަލުވުމުން، ވެކްސިން ޖަހަންދާ މީހުންގެ އަދަދު ގިނަވާނެތީ ކިއޫގައި ގިނައިރު ހުންނަން ޖެހޭގޮތް މެދުވެރިވެދާނެ ކަމަށްޓަކައި." ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ދާނުގައި ތިބޭ ބަލި މީހުން ގާތަށް ހޮސްޕިޓަލުގެ ޓީމެއް އެގެއަކަށް ގޮސް ވެކްސިން ޖަހައި ދޭނެ ކަމަށާއި މި ޕްރޮގްރާމްވެސް މިރޭގައި ފެށުމަށް ރޭވެމުން ދާ ކަމަށެވެ. އަދި އެ ރެއެއްގައި ވެކްސިން ޖަހަން ހަމަޖައްސާ ބޭފުޅުންގެ އާއިލާތަކަށް އަންގަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.