އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޑެސްޓިނޭޝަން އައްޑޫ ސަމިޓު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަމާއި ގުޅޭ ކަރުދާހެއް އެކުލަވާލަމުން އަންނަ ކަމަށާއި އައްޑޫ ޓޫރިޒަމް ޑިވެލޮޕްމަންޓާއި ބެހޭ ގޮތުން، މި ކަރުދާސް ފުރަތަމަ ރައީސްއާ ހިއްސާކުރެވުމައަށްފަހު އިކޮނޮމިކް ކައުންސިލްއަށް ހުށަހަޅައިގެން އެމަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރަންޖެހޭކަމަށާއި އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި އެ ދާއިރާއިން އިންވެސްޓުކުރަން ބޭނުންވާ ދިވެހިންނަށް މާލީގޮތުން އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އައްޑޫގައި ހުރި އާސާރީ ތަންތަނުގެ އާބާތުރަ ފިލުވައި އެތަންތަން ފަތުރުވެރިކަމުގައި ޕްރޮމޯޓުކޮށް އިޝްތިހާރުކުރަން ބޭނުންވާ ކަމަށާއި އަދި އެ މަސައްކަތުގެ ދަށުން މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ހަމައެއާއެކު ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށްޓަކައި ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ކަމާއި، އެކަމަށް ގިނަ ވަގުތު ނަގާނެ ކަމަށް ފާހަގަކުރެވުނު ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޝަންގްރިއްލާގެ ވެރިންނާ ބައްދަލުކުރުމަށް ދައުވަތު ދެވިފައިވާކަމަށްވެސް ފައިސަލް ހާމަކުރައްވާފައިވެއެވެ.
2005 ގައި ހުޅުވުނު މި ރިސޯޓަކީ ހޮންގްކޮންގްގެ އެންމެ ބޮޑެތި ހޮޓާ ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިކަމުގައިވާ ޝަންގްރިއްލާއާ ގުޅިގެން ތަރައްގީކުރެވުނު ރިސޯޓެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މި ރިސޯޓު ވަނީ ބަންދުކުރެވިފައެވެ.
2005 ގައި ހުޅުވުނު މި ރިސޯޓަކީ ހޮންގްކޮންގްގެ އެންމެ ބޮޑެތި ހޮޓާ ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިކަމުގައިވާ ޝަންގްރިއްލާއާ ގުޅިގެން ތަރައްޤީކުރެވުނު ރިސޯޓެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މި ރިސޯޓު ވަނީ ބަންދުކުރެވިފައެވެ.
ރިސޯޓު އަލުން ހުޅުވުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފައެވެ. މިހާރު ރިސޯޓުގެ ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ބެލުމުގެ ދަށުގައެވެ.