މަލަކީ ގަހުގެ ދަރިކޮޅު ދަމަހައްޓައިދޭ ބައެވެ. މަލުން، މޭވާއާއި އޮށް އުފެދި އޮންނަ އައުގަސް ފަޅައިގެން ގަހެއްގެ ހަޔާތުގެ ބުރު ފުރިހަމަވަމުންދެއެވެ. މި ނިޒާމުގެ އަސްލަކީ މަލުގައި އުފެދޭ ބައިތަކެކެވެ. އެއީ މަލުގެ އަންހެން ބަޔަކާއި ފިރިހެން ބައެއް ހުރެވިފައި މިދެބަޔަށް ޖޯޑުވުމުގެ ޤާބިލްކަން ލިބިފައިވާތީއެވެ. މައުނާޅާބާވަތުގެ ގަސްގަހުގައި މި ނިޒާމް ހަމަޖެހިފައި ހުންނަނީ ތަފާތު ގޮތަކަށެވެ.

މަލުގެ އަންހެން ބާވަތަށް ކިޔަނީ ކާރޕެލް ނުވަތަ ޕިސްޓިލް އެވެ. ކާރޕެލްއަކީ މަލުގެ އެންމެ އެތެރޭގެ ބުޑުފަލަކޮށް އިންނަ ބައެވެ. ކާރޕެލްގައި 3 ބައެއް އިންދެއެވެ. އެއީ ސްޓިގްމާ، ސްޓައިލްއަދި އޯވަރީއެވެ. މަލުގެ ފިރިހެން ބަޔަށް ކިޔަނީ ސްޓޭމަން އެވެ. ސްޓޭމަން އިންނަނީ މަލުގެ އަންހެންބައި ވަށައިލައިގެންނެވެ. ސްޓޭމަންގެ މަތީބަޔަށް ކިޔަނީ އެންތަރއެވެ. އަންހެން ބައިގެ އޯވަރީއާއި ގުޅިފައި އިންނަ ތިރީބަޔަށް ކިޔަނީ ފިލަމަންޓްއެވެ. މާ ޕޮލިނޭޓްވާން ބޭނުންވާ ޕޮލެން (ކުނޑިފުއްތައް) ހުންނާނީ އެންތަރގައެވެ. މަލެއް ފޮޅުމުގެ މާނައަކީ އެމަލެެއް ފުރިހަމައަށް ބޮޑުވެ، ދަރިކޮޅުދެމެހެއްޓުމަށް ކެރި ކުޅަދާނަވުމެވެ.

ޕޮލިނޭޝަން ނުވަތަ މައުޖޯޑުވުމަކީ އަންހެންބައިގެ ސްޓިގްމާއަށް ފިރިހެންބައިގެ އެންތަރގައި ހުންނަ ޕޮލެންތައް ދިއުމެވެ. 2 ގޮތަކަށް މައު ޖޯޑުވެއެވެ.

އެއީ:

1- ސެލްފް ޕޮލިނޭޝަން ނުވަތަ އެއްމަލެއްގެ ޕޮލެން ހަމަ އެމަލުގެ ސްޓިގްމާއަށް ގޮސްގެން މައު ޖޯޑުވުމެވެ.

2- ކޮރޮސް ޕްލިނޭޝަން ނުވަތަ އެއްމަލެއްގެ އެންތަރއިން އަނެއް މަލުގެ ސްޓިގްމާއަށް ޕޮލެން ގޮސްގެން މައު ޖޯޑުވުމެވެ.

މައު ޖޯޑުނުވެ މޭވާއަޅާ ގަސްގަހުގައި މޭވާއެއް ނުއުފެދޭނެއެވެ. ވުމާއިއެކު މޭވާއަޅާގަސް ހައްދާނަމަ މައު ޖޯޑުވޭތޯ ބެލުން މުހިއްމުއެވެ. މައު ޖޯޑުވާނީ މައު ފުރިހަމައަށް ފޮޅުމުންނެވެ. މައު ޖޯޑުކޮށްދޭ ވަސީލަތްތަކަކީ ކުދި ފަނިފކްސާއާއި ޖަނަވާރާއި ވައިގެ ޒަރިއްޔާއެވެ.

މަލުގެ ކަރުގަނޑުގައި ފިރިހެންބައިގައި ޕޮލަން ވަރަށްގިނައިން އުފެދޭ ވައްތަރުތަކަކީ ވައިމެދުވެރިކޮށްގެން ޕޮލިނޭޓް ވެވިދާނެ ވައްތަރެވެ. ދެން ޕޮލިނޭޓްކުރުމަށް އެހީތެރިވެދެނީ އާންމުކޮށް ކުދިފަނިފަކްސާ އާއި ޖަނަވާރެވެ. މީގެތެރޭގައި ކޮކާ، ބަޅިނދު، މާބުރު، ހިނި، ކުދިމަޑި، ދޫނި އަދި ވާލަކީވެސް މައު ޖޯޑުވުމުގައި އެހީތެރިވެދޭ ޖަނަވާރެކެވެ.

ތަފާތު ސޫފިތައް ޖޯޑުކޮށްދެނީ ތަފާތު ބާވަތް ތަކުގެ މައުތަކެވެ. މިސާލަކަށް މާބުރު އާއިލާއިން ރަތްކުލައެއް ނުފެންނާނެވެ. ނަމަވެސް ރީނދޫކުލަ އާއި އަލްޓްރާ ވައިލެޓް ކުލަތައް ވަރަށް ރީތިކޮށް ފެންނާނެއެވެ. ވީމާ މާބުރު މަލުގައި މަޑުމީރުވަހެއް ހުންނަ މިދެކުލައިގެ މާތަކަށް ގޮސް އެއްގަހުގެ މަލުން އަނެއް ގަހުގެ މަލަށް ޕޮލަން ގެންގޮސް ދޭނެއެވެ.

މާބުރާ ޚިލާފަށް ކޮކާލުގެ ވައްތަރުތަކަށް ވަރަށް ސާފުކޮށް ގަދަ ކުލަތައް ފެންނާނެއެވެ. ނަމަވެސް ވަސް ބެލުމުގެ ގާބިލްކަން ވަރަށް ކަޑަވާނެއެވެ. ވީމާ ކޮކާތައް ގަދަ ކުލަކުލައިގެ ނަމަވެސް ވަސް ނުދުވާ މާތައް ޕޮލިނޭޓް ކޮށްދޭނެއެވެ.

ބަޅިނދަކީ ރޭގަނޑަށް ޙަރަކާތްތެރިވާ ސުއިއްޕެއް ކަމުން ޕޮލިނޭޓް ކޮށްދޭނީ ރޭގަނޑަށް ފޮޅޭ މަޑު ކުލަކުލައިގެ ވަސް މީރު މާތަކެވެ.

ކުދި ދޫނިތަކަކީވެސް މާ ޕޮލިނޭޓް ކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވާ އެއްޗެކެވެ. މިވައްތަރު ދޫނީގެ ފެނުމުގެ ގާބިލްކަން ވަރަށް ރަންގަޅުވާނެއެވެ. ނަމަވެސް ވަސްދުވުން ދެރަވާނެއެވެ. ވީމާ، ކޮކާގެ ވައްތަރުތައް ހެން ކުދިދޫނިވެސް އެހީތެރިވެދެނީ ކުލަގަދަ، ވަސް ނެތް މައު ތަކަށެވެ. ނަމަވެސް ކޮކާ ޖައްސާ މައުތަކަށްވުރެ ދޫނި ޖައްްސާ މާތައް ބޮޑެތި ވާނެއެވެ.

ވާލަކީވެސް ރޭގަނޑަށް ފޮޅޭ ބޮޑެތި މާ ޖޯޑުކުރުމުގައި އެހީތެރިވެދޭ ސޫއްޕެކެވެ. ހަމަމިގޮތަށް މެހީގެ ވައްތަރުތައް ވަސްގަދަ ޚާއްސަކޮށް ނުބައިވަހެއްހުންނަ ފެއްސާގުޅުންހުރި ކުލަކުލައިގެ މައުތައް ޖޯޑުކޮށްދެއެވެ.

މައުޖޯޑު ކުރުމުގެ ނިޒާމަކީ ޤުދުރަތީގޮތުން ވަރަށް ފުރިހަމައަށް އުފެދިފައިވާ ނިޒާމެކެވެ. ނަމަވެސް އަޅުގަނޑުމެން އިންސާނުންގެ ހަރަކާތުންގެ ސަބަބުން މިފަދަ ނިޒާމްތަކަށް ބުރޫއަރައެވެ. މިސާލަކށް ގަސްމަދުވުމުގެ ސަބަބުން ތަފާތު ކޮކާލާއި ބަޅިނދު މާބުރުގެ އާއިލާތައް މަދުވެއެވ. ނުވަތަ މިފަދަ ސޫފިތައް މަރާލާ ކަހަލަ ކެމިކަލްފަދަ އެއްވެތި މާހައުލު ތެރެއަށް ސްޕްރޭކުރުމުންވެސް ގުދުރަތީ ނިޒާމަށް ބުރޫ އަރާނެއވެ. މީގެ އިތުރުން މޫސުމަށް ބޮޑެތި ބަދަލުއައުން ފަދަ ކަންތައްތައްތަކުންވެސް ޕޮލިނޭޝަންގެ ނިޒާމަށް ހުރަސް އަޅާނެއެވެ.

ކޮންމެއަކަސް ރާއްޖޭގައި މިހާރު ޕޮލިނޭޓްކޮށްދޭ ސޫފާސޫފި މަދު ކަމަށް ފާހަގަ ކުރެވެއެވެ. ވުމާއެކު މޭވާއަޅާ ގަސް އިންދާނަމަ އަމިއްލައަށް މައު ޖޯޑް ކުރަން ޖެހެއެވެ. މައުޖޯޑް ކުރުމަށްޓަކައި މަލުގެ ކަރުގަނޑުގެ ފިރިހެންބައިގައިވާ ޕޮލަން ފުއްތައް އަންހެން މަލުގެ ސްޓިގްމާގައި މަޑުމަޑުން ކާއްތާ ލާނީއެވެ. އަންހެން މަލާއި ފިރިހެންމައު ވަކިން ހުންނަ މަލެއްނަމަ ފިރިހެންމައު ވެލުން އުފުރާލައިގެން ގޮސްގެން ވެސް މައު ޖޯޑުކުރެވިދާނެއެވެ. ވުމާއެކު އަންހެން މަލާއި ފިރިހެންމާ ވަކި ކުރަން އެނގުން ވަރަށް މުހިންމެވެ. ކަރާ، ކިއުކަމްބަރ ފަދަ ގަސްގަހުގައި އަންހެން މަލާއި ފިރިހެންމައު ވަކިކުރަން ވަރަށް ފަސޭހައެވެ. އެއީ އެހެންމަލުގެ ބުޑަށް ފަލަވާނެއެވެ. މައުފޮޅޭވަގުތު މައުޖޯޑް ކުރުން ވަރަށް މުހިއްމެވެ. އެއީ މައުފޮޅޭތާ ގިނައިރުވުމުން ހިނިފަދަ ސޫފިތަށް މަލަށް އަރާ ޕޮލަންތަކުގަ ކޭއްތުމުން، ނުވަތަ ޖައްވުގެ ތެތްކަމުގެ ސަބަބުން ޕޮލެން ފުއްތައް ތަތްވެ، މަދުވާގޮތް ވާނެތީއެވެ. މީގެ އިތުރުން ޕޮލަން ފުއްތަކަށް މޭވާއުފެއްދުމުގައި އަދާކުރާ ޖެނެޓިކް ރޯލްއަދާކުރުމުގެ ޤާބިލްކަން ލިބިފައިވަނީވެސް މައުފޮޅޭފަހުން މަދުގަޑިއިރުކޮޅެއްވަންދެނެވެ.

މައު ރަގަޅަށް ޕޮލިނޭޓް ނުވާ ކަމުގެ ނިޝާންތައް:

• މަލުން މޭވާ ނުއުފެއްދި މައު ވެއްޓުން

• މޭވާގެ ސިފަ ގެއްލުން (ކިއުކަންބަރ ފަދަ މޭވާ ސީ އަކުރު ގޮތަށް ލެބުން)

• އެތެރެ ހޮއެވުން (ޓޮމާޓޯ ފަދަ މޭވާ)

• މޭވާ އުފެދުން ނަމަވެސް މޭވާ ހަރުނުވެ ވަނދަށްވެއްޓުން

• މޭވާ ގުރުޑުވުން