ދިވެހިރާއްޖެ އެދަރިއަކަށްޓަކައި ފަޚުވެރިވާ ދަންޑަހެލި ނިސްބަތްވާ ރ. ދުވާފަރުގައި ވަރަށް ޗާލުއެހައިމެ ނަލަ ބީޗެއް ތަރައްގީ ކޮށްފިއެވެ.

ދަންޑަހެލު އެރަށަށް ނިސްބަތްވިޔަސް މިހާރު އެރަށުގެ ވަޒަންވެރީންނަކީ އެއަތޮޅު ކަނދޮޅުދޫ ރައްޔިތުންނެވެ. ކަނދޮޅުދޫ މީހުން އެރަށުގައި ވަޒަންވެރިވީ ސުނާމީގައި އެމީހުންގެ ރަށް ސުންނާފަތި ވުމުންނެވެ.

ދުވާފަރުގެ ގޮނޑުދޮށާއި މޫދާއި ހުދު ދޮންވެލިގަނޑަކީ އަބަދުވެސް ރީތިތަނެކެވެ. ހިތްގައިމު ތަނެކެވެ. އެހެންނަމަވެސް ކުއްލިއަކަށް އެތަނުގެ ވާހަކަ ދެކެވެންފެށީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ އެރީތިކަން ބަޔަކު މިހާރުވަނީ ސޯޝަލް މީޑިއާގައި ދައްކުވައިދީފައެވެ. އެހިސާބުން އެހެން މީހުން ވެސް ގަޔާވީއެވެ. ދާހިތްވީއެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެއްރަށުން އަނެއްރަށަށް ދިއުމަކީ މިހާރު ފަސޭހަކަމެއް ނޫނެނެވެ. އެކަމަކު ދުވާފަރު ރައްޔިތުން ގެންދަނީ އެ ތަނުން އުފާހޯދަމުންނެވެ.

އެ ހިތްގައިމު އަތިރިމަތީގައި މިހާރުވަނީ "އެކުވެނި ބީޗު" ގެ ނަމުގައި ބީޗެއް ތަރައްގީކޮށްފައެވެ. އެ ބީޗަކީ އެރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު އިސްނަގައިގެން ހަދައިފައިވާ ތަނެކެވެ. އެ ބީޗު ހެދުމަށް ދާއިރާގެ މެންބަރާއި ކައުންސިލުގެ އެހީ ތެރިކަން ލިބިފައިވެއެވެ.

އެތަން ތައްޔާރު ކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. މިހާރު އެތަނަކީ ހިތްފަސޭހަ ކޮށްލަން ގޮސްލަން ރަނގަޅު މައިޒާނެކެވެ. އެބީޗުން ކުޑަ ކުދިންނާއި ބޮޑެތި މީހުން އަންނަނީ އުފާ ހޯދަމުންނެވެ. ފޫހި ކަމެއްނެތިއެވެ. ހިތްދަތި ކަމެއްނެތިއެވެ. އެބީޗަކީ އަޅައިގަންނަ އަދި ހިތްދަމައިގަންނަ ތަނަކަށް ހެދުމަށްޓަކައި އެރަށުގެ ޒުވާނުން ވަނީ ހުނަރުވެރި މަސައްކަތްތަކެއް ކޮށްފައެވެ. އުނދޯލި ތަކާއި ޖޯލިފަތިތަކާއި ކުޑަކުދިން ގަޔާވާނޭފަދަ އެތައް ތަނެއް ވަނީ ބީޗުގައި ހަދައިފައެވެ.

އެ ބީޗަށް ވަދެވޭނީ ރީތި ދޮރާއްޓަކުންނެވެ. އެއީ ރީތިކޮށް ފަރުމާކޮށް ލަކުޑިން ހަދާފައިވާ ބޮޑު ދޮރާއްޓެކެވެ. ބޮޑު އަކުރުން "އެކުވެނި ބީޗު" މިހެން ލިޔެފައި އޮވެއެވެ. މި ދޮރާއްޓާ އަރާ ހަމަވާއިރަށް އަތިރިމަތީގައި ބަހައްޓާފައިވާ ހެއްލޭ އުނދޯލިތައް ފެނެއެވެ. ޖޯލިފަތިތައް ފެނެއެވެ. ކުދިން މަޖާ ކޮށްލުމަށް މޫދުގައި ހަދާފައިވާ ހެއްލޭ އުނދޯލިތައް ފެނެއެވެ. މި ތަނުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ މޫދުގައި ބަހައްޓާފައި ހުރި އެނބުރޭ އުނދޯއްޔެވެ. މިއީ އަދި އެއްވެސް ރަށެއްގެ މޫދުން ނުފެންނަ ވައްތަރެއްގެ އުނދޯއްޔެކެވެ. މީގެ އިތުރުން މޫދަށް އެރިލާފައި އައިސް އަރާމު ކޮށްލަން ޖައްސާލާނެ ގޮނޑިތައް ވެސް ވަނީ ބަހައްޓައިފައެވެ. އެ ގޮނޑިތައް ވެސް ހަދާފައިވަނީ ލަކުޑިންނެވެ. އެގޮނޑިތައް ފަރުމާ ކޮށްފައިވަނީ ހިޔާވާނޭ ގޮތަށެވެ.

މީގެ އިތުރުން ކައިބޮއި ހެދުމަށްޓަކައި އެ ބީޗުގައި ވަނީ ހަޓްތަކެއް ހަދައިފައެވެ. އިށީންނާނެ ގޮނޑިތަކާއި ކާބޯތަކެތި ފަސޭހައިން އަތުރާލެވޭގެ ގޮތަށް އެތަންތަން ވަނީ ފަރުމާ ކޮށްފައެވެ.

އަތިރިމަތީގައި އުފެދޭ ކުނި އެޅުމަށްޓަކައި އެކި ދިމަދިމާގައި ވަނީ ބޮޑެތި ޑަސްބިންތައް ބަހައްޓައިފައެވެ. އުކާލަންޖެހޭ ސާމާނު އެ ޑަސްބިންތަކަށް އެޅުމަކީ މަޖުބޫރު ކަމެކެވެ. ތަނުގެ ސާފުތާހިރު ކަމަށްޓަކައެވެ.

މޫދަށް އެރިފައި އަރާ ފެންވަރާލުމަށްޓަކައި ތައްޔާރުކޮށްފައިވާ ވަޅެއްވެސް އެ ބީޗުގައި ވަނީ ބަހައްޓައިފައެވެ. އެއާ އެކު ރޭގަނޑު އެ އަތިރިމަތީގައި ވަގުތު ހޭދަކޮށްލުމަށް ދަތި ނުވާނޭހެން މުޅި ސަރަޙައްދަށް އަލިވާނޭ ބޮކިތައް ވެސް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން އެތަނުގައި ހަދާފައިވާ އެންމެ މުހިންމު ތަނަކީ މިސްކިތެވެ. މިއީ ގިނަވަގުތު އެތަނުގައި ހޭދާކުރާ މީހުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެކެވެ.

މި ބީޗާ ބެހޭ ގޮތުން ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހީމް ނަސީރު ވިދާޅުވީ އެތަން ސާފުކޮށް ބެލެހެއްޓުމަށް މުސާރަ ދީފައި މުވައްޒަފުން ތިބޭނެ ކަމަށެވެ. އެއީ އެތަން ސާފުތާހިރުކޮށް ބޭއްވުމަށް އިސްކަން ދެއްވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މި ބީޗް ތައްޔާރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެރިވި ޒުވާނެއް ކަމުގައިވާ ޙުސައިން ބުނި ގޮތުގައި މި މަސައްކަތް މިހާ ފުރިހަމައަށް ކުރެވުނީ ރަށުގެ ހުރިހާ މުއައްސަސާއަކާއި ރައްޔަތުންގެ އެއްބާރުލުން ލިބި ގެނެވެ. އޭނާ ބުނީ މިއީ ވަޑާންކުރާ މީހުނާއި، ދަގަނޑުން ތަކެތި ހަދާ މީހުނާއި ދެންވެސް އެމީހަކަށް ލިބިފައިވާ ހުނަރުވެރި ކަމެއް ފޯރުކޮށްދީގެން ތަރައްގީ ކޮށްފައިވާ ބީޗެއް ކަމަށެވެ. އެ މަސައްކަތުގައި އެރަށުގެ އެންމެން ވެސް ދެއްކީ އެއްބައިވަންތަ ކަމެވެ. އެކުވެރިކަމެވެ. "މި ކަމުގައި މީހުން ބައިވެރިވީ ކުލައަކަށް ރަހައަކަށް ވަހަކަށް ބެލުމެއްނެތި އެކަތިގަނޑެއްގެ ގޮތުގައި،" ޙުސައިން މުޙައްމަދު ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނިގޮތުގައި އެފަދަ ބީޗެއް ހެދިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެކަން އެރަށުގެ ކުދިބޮޑު އެންމެން ބަލައިގަންނަނީ އުފާވެރި ޢީދެއްގެ ގޮތުގައެވެ. ޢީދު ދުވަހު ކުޅިވަރު ކުޅުމަށް މީހުން އަންނަ ފަދައިން ކުދިބޮޑު އެންމެން އަތިރިމައްޗައް އައިސް އެތަނުން ހިތަށް އުފާވެރިކަން ލިބިގަނެއެވެ.

އާބާދީގައި 4800 މީހުން ހިމެނޭ ދުވާފަރުގެ ރައްޔިތުންނަށް މި ބީޗު ލިބުމުން އެންމެންތިބީ އުފަލުން ފޮޅިފައެވެ.