ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަައަށް ޖަވާބުދާރީވުމަށް ޙުސައިން ޝަމީމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފުރުސަތު ދެއްވާފައެވެ. އެ ކޮމިޓީ ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

އެ މަގާމުން އެމަނިކފާނު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު މުހާއްމަދު ޝާހިދެވެ. އެގޮތުން ޝަމީމް ވަކިކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް ކޮމިޓީއަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކޮށް އަދި އެ މައްސަލަ ފައިލްކުރުމާއި ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުމުގެ އިތުރުން ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން ހިމެނެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުމާއި، ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުމާއި، ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރަން ނިންމުމާއި، ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުމުގެ އިތުރުން ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލަވެސް ހިމެނެއެވެ.