އިއްޔެ މާލޭގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި ތިން ފިރިހެނެކެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ މުހައްމަދު އިސްމާއިލް އެކަނި ކަމަށް އޭނާގެ ގާނޫނީ ވަކީލު އާދަމް އާސިފް ވަނީ ވިދާޅުވެފަ އެވެ.

މިގެކުރިން ވެސް ފުލުހުން ވަނީ މުހައްމަދު އިސްމާއިލް ހައްޔަރުކޮށް ގިނައިރުތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފަ އެވެ.

މުހައްމަދު އިސްމާއިލް ފާހަގަވަނީ މުޒާހަރާ ލީޑްކުރުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގަ އެވެ.