ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރު ކުރެއްވި މައްސަލައިގައި ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑު ގޮތެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވި އެވެ.

އެ އަމުރު ނެރުމުގައި ދައުވާ ލިބޭ އަލީ ވަހީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާލިބޭ އެހެން ފަރާތްތަކާމެދު އަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދު ފުރުމުގެ ޒިންމާ ނަގައި ކަމާ ބެހޭ ލިޔުމުގައި ސޮއިކުރައްވާފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ސޮއިކުރެއްވި ލިޔުމުގައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދު ފުރުވާލީ މި ސަރުކާރުން ރާވައިގެން ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ތުހުމަތު ކުރެއެވެ. ޚާއްސަކޮށް އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަނު ހުންނަވާތީ އެމަނިކުފާނުގެ ބައިވެރިވުން އެކަމުގައި އޮތް ކަމަށް ވެސް ތުހުމަތު ކުރެއެވެ.