ވިހެއުމަށްފަހު މައިމީހާއަށް އެއަންނަ ބޮޑެތި ކުއްލި ބަދަލަކީ އެކަމާ ގުޅިގެން އާއިލާތެރޭގައި ވެސް ގިނަ ފަހަރަށް މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. މި ދެންނެވި ބޮޑެތި ބަދަލުގެ އަސްލު އެނގެން އެބަ ޖެހެއެވެ. މިކަމާބެހޭގޮތުން ވާހަކަ ދެކެވެން އެބަ ޖެހެއެވެ. މިކަން ދަނެގެން ތިބެން އެބަޖެހެއެވެ.

ވިހެއުމަށްފަހު މައިމީހާއަށް މިއަންނަ ކުއްލި ބަދަލަކީ ޕޯސްޓްޕަރޓަމް ޑިޕްރެޝަންގެ ސަބަބުން އަންނަ ބަދަލެވެ. މިދެންނެވި ޕޯސްޓްޕަރޓަމް ޑިޕްރެޝަނަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ޕޯސްޓްޕަރޓަމް ޑިޕްރެޝަނަކީ، ވިހެއުމަށްފަހު، މައިމީހާއަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީގޮތުން އަދި ތަބީޢީ ގޮތުން އަންނަ ބަދަލުތައް މަސްހުނިވެ އެކަތިގަނޑަކަށް ވެގެން އުފެދޭ ކަމެކެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި މި ޑިޕްރެޝަން އަކީ ވެސް ބައްޔެކެވެ. މައިމީހާއަށް މިޑިޕްރެޝަން ޖެހެނީ، ވިހާތާ 2 ނުވަތަ 4 ހަފްތާ ފަހުން ކަމަށް ވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

ވިހެއުމާ ގުޅިގެން، މައިމީހާގެ ހަށިގަނޑަށް އަންނަ ޖިސްމާނީ ބަދަލުގެތެރޭގައި

ކެމިކަލް ބަދަލުތައް ހިމެނެވެ. ކެމިކަލް ބަދަލޭ މިކިޔަނީ، ވިހެއުމާ ގުޅިގެން، ހަށިގަނޑުގެ ހޯމޯން ލެވެލްއަށް އަންނަ ބަދަލަށެވެ. އެގޮތުން، މާބަނޑުވުމުން މައިމީހާގެ ހަށިގަނޑުގައި ދިހަ ގުނައަށް އިތުރުވެގެންދާ އީސްޓްރޮޖެން ލެވެލާއި ޕްރޮޖެސްޓްރޯން ލެވެލް، ވިހެއުމުން ކުއްލިއަކަށް ތިރިކޮށްލަން ފަށެވެ. އަދި ދަރިފުޅު ވިހާތާ ތިން ދުވަސްތެރޭގައި، މައިމީހާ މާބަނޑުވުމުގެ ކުރިން އޭނާގެ ހަށިގަނޑުގައި މި ދެންނެވި ހޯމޯންތައް ހުރި ލެވެލަށް، ތިރިކޮށްލައެވެ. މީގެ ސަބަބުން، މައިމީހާގެ މޫޑު ގޯސްވެ، ރުޅިގަދަވެ، ބައެއްފަހަރު ރޮވޭގޮތް ވެސްވެއެވެ. އަދި ކާހިތް ނުވުމާއި މީހުންނާ ވާހަކަ ދައްކާހިތް ނުވުމާއި، އެކަހެރިވެ އިންނަން ބޭނުންވާ ވަގުތުއާދެއެވެ.

މި ޑިޕްރެޝަންގެ ޝިކާރައްކަށް އާންމުގޮތެއްގައި ވަނީ އަލަށް ވިހާ މައިންނެވެ. އަލަށް ވިހާ މައިންގެ ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކަކަށް މިބަލިން ސަލާމަތް ވުމަށް ގިނަ ދުވަސްތަކެއް ބޭނުން ވެއެވެ.

ހަމަ އެހެންމެ އަލަށް ވިހާ މައިންގެ ކޮންމެ އެއްހާސް މީހުންގެ ތެރެއިން އެކަކަށް ޕޯސްޓްޕަރޓަމް ސައިކޯސިސް ވެސް ޖެހެއެވެ. މި ޕޯސްޓްޕަރޓަމް ސައިކޯސިސްއަކީ މި ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި ވައްތަރެވެ. ޕޯސްޓްޕަރޓަމް ސައިކޯސިސް އާންމު ގޮތެއްގައި ޖެހެނީ ވިހާތާ 48 ގަޑިއިރާއި 72 ގައިޑިއިރާ ދެމެދުއެވެ. މީގެ ސަބަބުން، މައިމީހާއަށް އެކިކަހަލަ ކަންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން އެއްވެސް އަސްލެއްނެތް ކަންކަން ލޯކުރިމަތިން ސިފަވެއެވެ. މީގެ ނަތީޖާއަކަށް ވަނީ ތިމާގެ އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުމެއް ދިނުމުގެ ވިސްނުންތައް އައިސް އުނދޫ ކުރުމެވެ. މިދެންނެވި ކަމަކީ މަދުން ނަމަވެސް ހިނގާ ކަމެކެވެ. މީގެ އިތުރުން މައިމީހާގެ ނިދި ގެއްލުން، ކުއްލިއަކަށް ރުޅިގަދަވުން ފަދަ ކަންކަން ވެސް ދިމާވެއެވެ. މި ކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ބޭނުން ވެއެވެ.

މިޑިޕްރެޝަނަކީ ރަނގަޅު ނުކުރެވޭ ބައްޔެއް ނޫނެވެ. މި ބަލިން ސަލާމަތް ވުމަށްޓަކައި ޑޮކްޓަރާ މަޝްވަރާ ކޮށްގެން ބޭސް ބޭނުން ކުރުމާއި، ކައުންސެލިން ހޯދުމުގެ އިތުރުން އާއިލީ އެއްބާރުލުން ވަރަށް މުހިންމެވެ.

ވިހެއުމަށްފަހު މައިމީހާއަށް އައިސްދާނެ ބަދަލާ ދޭތެރޭ އޭނާގެ އާއިލާއިން ތައްޔާރުވާން ޖެހެއެވެ. މިކާމާ ބެހޭ މައުލޫމާތު އެނގެން ޖެހެއެވެ. މީގެ އިތުރަށް، މާބަނޑުވާ ހިސާބުން ނުވަތަ އެކަމަށް ތައްޔާރުވާ ހިސާބުން ދެމެފިރިން ވެސް މިއާބެހޭ މައުލޫމާތު އެއްކުރަން ޖެހެއެވެ. މީގެ ނަތީޖާއަކަށް ވާނީ، ތިމާއަށް މި ޑިޕްރެޝަން ޖެހިއްޖެއިޔާ އަމިލަ ނަފްސު ކޮންޓްރޯލު ކުރަން އެނގުމެވެ. އަދި މި ޑިޕްރެޝަނުން ސަލާމަތް ވުމަށްޓަކައި އިތުރު ފިޔަވަޅެއް އަޅަން ޖެހޭނަމަ އެކަމަށް ވެސް ތައްޔާރު ވާން ފަސޭހަ ވުމެވެ.