ދުނިޔޭގައި މިހާތަނަށް އުފެއްދި ކޮވިޑް-19 ވެކްސިންގެ %75 ބޭނުންކޮށްފައިވަނީ އެންމެ 10 ގައުމުން ކަމަށް ވިދާޅުވެ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިކަމަކީ ވަރަށް ބޭއިންސާފު ކަމެއްކަމަށެވެ.
ގުޓަރޭސް ވިދާޅުވީ، ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއްހާ މިންވަރުވެސް ނުލިބޭ 130 ގައުމު ދުނިޔޭގައި މިވަގުތު އެބައޮތް ކަމަށެވެ. ގައުމުތަކަށް ވެކްސިން ލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ ނާޒުކު މި ދަނޑިވަޅަކީ އިންސާނީ މުޖުތަމައަށް މިވަގުތު ކުރިމަތިވެފައިއޮތް އެންމެބޮޑު އިމްތިހާނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ދުނިޔެއަށް ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތައްވެސް ހިމެނޭގޮތުން ގްލޯބަލް ވެކްސިނޭޝަން ޕްލޭނެއް އެކަށައެޅުމަށް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވާފައި ވެއެވެ.
ދުނިޔޭގެ ހުރިހާ ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ވެކްސިން ދިނުމުގެ ކަށަވަރުކަން ދިނުމަށް، މި ޕްލޭންގައި ސައިންސްވެރިންނާއި، ވެކްސިން އުފައްދާ ފަރާތްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައްވެސް ބައިވެރި ކުރުމަށް ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވިއެވެ.
ވެކްސިން އުފައްދާ ކުންފުނިތަކާއި، މުހިންމު ސިނާއަތްތަކާއި، ލޮޖިސްޓިކް ގްރޫޕްތައް އެއްގަލަކަށް އެރުވޭފަދަ ގާބިލްކަން ލިބިގެންވާ އިމަޖެންސީ ޓާސްކް ފޯހެއް އުފެއްދުމަށް، ދުނިޔޭގެ ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ 20 އިގްތިސާދު ނުވަތަ ޖީ20 ގައި ހިމެނޭ ގައުމުތަކަށް ސެކްރެޓަރީ ޖެނެރަލް ވަނީ ގޮވާލައްވައިފައެވެ.