މަސްވެރިންގެ ދުވަހާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބ. ތުޅާދޫއަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޓީމެއް އިއްޔެ ޒިޔާރަތް ކޮށްފިއެވެ.

ތުޅާދޫގައިބޭއްވި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދެއްގެ ގޮތުގައި ވުޒާރާއިން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. މީގެ އިތުރުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ބައިވެރިވި ޓީމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި އެހެނިހެން ފަންނީ ބޭފުޅުން ހިމެނެއެވެ. އެ ޓީމުން ތުޅާދޫއަށް ކުރަމުންދާ ޒިޔާރަތުގައި ރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްޙީ މަރުކަޒާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ސަރުކާރުން މި އަހަރުގެ މަސްވެރިންގެ ދުވަސް ތުޅާދޫގައި ފާހަގަ ކުރުމަށް ވަނީ ނިންމަވާފައެވެ.