ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އާރުޑީސީ)އިން ރާއްޖޭގެ ދެކުނުގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އާރުޑީސީއިން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގެ ދެކުނު ރީޖަންގައި ޖުމްލަ ތިން ރަށެއްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެއީ ލ. ގަމުގެ ދެވަނަ ފިޔަވަހި، ގއ. ވިލިނގިލީގެ ދަވަނި ފިޔަވަހި އަދި ގއ. ކޮލަމާފުށީގައެވެ.

މިގޮތުން އާރުޑީސީއިން ވިދާޅުވީ ލ. ގަމުގެ ދެވަނަ ފިޔަވަހީގައި ދެ މަސައްކަތެއް ކުރަމުން ދާ ކަމަށެވެ. އެއީ އެކްސްކެވޭޓް ކުރުމުގެ މަސައްކަތާއި، ބެކް ފިލިންގެ މަސައްކަތެތެވެ. ހަމައެހެންމެ، ގއ. ކޮލަމާފުށީގެ ދެ މަގެއްގައި އެ ކުންފުނިން ދަނީ ކާރބް ސްޓޯން އެޅުމުގެ މަސައްކަތާއި ހޮޅިއެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގއ. ވިލިނގިލީގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން ދަނީ މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތާއި، ކާރބް ސްޓޯން އެޅުމުގެ މަސައްކަތްކުރަމުންނެވެ.