ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލަން ނިންމި ނިންމުން ބެންކުން އުވާލައިފިއެވެ.

ބީއެމްއެލްއިން އިން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލް އިން ކުރިން ކަނޑައެޅިއެވެ. މި ނިންމުމަށް އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައި ވަނިކޮށް، ބީއެމްއެލް އިން މި ނިންމުން ބާތިލު ކޮށްފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ މި ނިންމުން ބާތިލު ކުރީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިރުޝާދުގެ ދަށުންކަމަށެވެ. ބޭންކުން ކުރިން ނެރުނު އިއުލާނުގައި ވިދާޅުވީ ބޭންކުން ޑޮލަރުގެ ލިމިޓަށް ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.