ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާއަށް ފަހުކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްޠަފާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ދޭނެ މުއްދަތު މިހާރު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާފަހުންކަމަށް ޑރ. ނަޒްލާ ވިދަޅުވިއެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މިގޮތަށް ނިންމީ އެންމެ ފަހުން ވެކްސިންއާ ގުޅިގެން ޢާއްމުކޮށްފައިވާ ދިރާސާތަކާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މި ދިރާސާތަކުން ވެކްސިންގެ އަސަރު ކުރާ މިންވަރު އެންމެ ރަނގަޅުކަމަށް އަދި ރައްކާތެރިކަން ލިބޭ މިންވަރު އިތުރުކަން ބޮޑުކަމަށް ދައްކަނީ 8 ހަފްތާ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށާފައިވާއިރު މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވެކްސިންދޭން ފެށިފަހުން މިހާތަނަށް 50 ހާހަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާއިރު ފުރަތަމަ މިވެކްސިން ދިން މީހުންނަށް 8 ހަފްތާ ހަމަވެ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނީ އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެންނެވެ.