ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތައް އުޅެނީ މިގައުމު ބަނގުރޫޓް ނުވެގެން ކަމަށް ވިދާޅުވެ އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިދިކޮޅު ފަރާތްތަކަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ ބީއެމްއެލްއިން މިއަދު ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ސަރުކާރުން މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ވަޒީރު ސައީދު ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުން ރާއްޖޭގެ ބަނގުރޫޓްވާން އުޅޭ ވާހަކަ ދައްކަވަނީ ވަރަށް އުފަލާއެކު ކަމަށާއި މިއީ ޤަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ވަރަށް ޑެލިބްރޭޓްލީ، ރާއްޖެ ބަނގުރޫޓް ނުވެގެން، ތިން ހަފްތާ ތެރޭ ރާއްޖެ ބަނގުރޫޓް ކޮށްލަން، ބައެއް ސިޔާސީ ފަރާތްތަކުން އެބަ ވާހަކަ ދައްކާ. ފޮރިން އިންވެސްޓަރުންނަށް ޝޮކް ޖެހޭ ވާހަކަޔާއި ބަނގުރޫޓް ނުވެގެން އުޅޭ ވާހަކަ މިދައްކަނީ. އަޅުގަނޑުމެންގެ ގައުމު މިއީ. އަޅުގަނޑުމެން އެންމެންގެ ގައުމު މިއީ. ވާރުތަވި ބޮޑު މައްސަލައަކީ ފާއިތުވެދިޔަ ސަތޭކަ އަހަރުވެސް ނުދަރާ ވަރަށް ގައުމު ދަރުވާލާފައި ބަޔަކު އެދިޔައީ" ނިމިދިޔަ އެމްޑީޕީގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަޒީރު ސައީދު ވިދާޅުވިއެވެ.