އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލު ގުޅިގެން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކް އެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ކުރިއަށްގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ޅ.މާފިލާފުށީގައި މި މަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެ ހޮސްޕިޓަލުގެ 28 މުވައްޒަފުން ބައިވެރިވިކަމަށެވެ. އަދި މި ޕްރޮގްރާމަކީ ކޮމްޕެޓެޓިވް މިލިޓަރީ ސްޓައިލް ޕްރޮގްރާމެއްގެ ތެރެއިން، ލީޑަރޝިޕް އަދި ޝަހްސު ދެނެގަތުމާއި، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން ހޯދައި ދެނެގަނެ، ޓީމް ސްޕްރިޓާއި ގުޅުން ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެެއް ކަމަށް އެފަރާތުން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ކޮމާންޑް ޓާސްކް، ފިޒިކަލް ޓްރެއިނިންގ، ފަޔަރ ފައިޓިންގ، ސްވިމިންގ އަދި އޮބްސްޓިކަލް ކޯސްގެ އިތުރުން ބައިވެރިންގެ ލީޑަރޝިޕް ހުނަރާއި ޓީމްވޯކް ރަނގަޅުކުރުމާއި އަދި ރިވެތި އަހުލާގުގެ ބައިތައް ކިޔަވައިދީފައިވެއެވެ. ޕްރޮގްރާމުގެ އޮބްޒާވަރެއްގެ ގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ނާޡިމާ އަލީ ވަނީ ޕްރޮގްރާމް ކުރިއަށްދިޔަ ގޮތް ބައްލަވާލައްވާފައެވެ. ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާގުއެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަލްފާޟިލާ ނާޒިމާ އަލީއާއި އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އެކްޓިންގ ކޮމާންޑިންގ އޮފިސަރ، މޭޖަރ އަޙްމަދު ޝަފީއުއާއި ދަ ބޭސިކް ސްކޫލާއި ނޮދަން އޭރިއާ ކޮމާންޑުގެ އޮފިސަރުންނާއި ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ޕްރޮގްރާމުގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވިއެވެ.
އެމްއެންޑީއެފުން ހިންގާ ވީކް އެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ"ގެ ދަށުން ސިވިލް ސޮސައިޓީއާއި އެމްއެންޑީއެފާ އޮންނަ ގުޅުން ރަނގަޅުކުރުމަށާއި އިޖުތިމާއީ މަސައްކަތްތަކުގައި ސިވިލް ސޮސައިޓީގެ އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.