ރާއްޖެ އިން ކޮވިޑް-19 އަށް ވެކްސިން ޖެހި ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒްޓިވްވެފައިވާ ކަމަށް ހެލްތު އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ދިންތާ ފަސް ދުވަސް ފަހުން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒްޓިވްވެފައިވާ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމަށްފަހު ގެއަށް ގޮސް މާސްކް ނަގާލައިގެން އުޅޭ މީހުންވެސް އެބަ ތިބި ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިން ޖަހަން ފެށުމާއި ގުޅިގެން ބައްޔަށް ދޭ ސަމާލުކަން ކުޑަވާކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.