ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރަން، މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ރިޕޯޓުގައި ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑު ކުރަން ހިމެނިނަމަވެސް މުސާރަ ބޮޑު ކުރާނެކަން ޔަގީންވާނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައިފިނަމަވެއެވެ.

ދައުލަތުގައި އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަނީ ސިވިލް ސަރވިސްގައެވެ. އެކަމަކު ދައުލަތުގެ އެހެން މުއްސަސާތަކާ އެއްވަރުގެ މުސާރައެއް ސިވިލް ސަރވަންޓުންނަށް ނުލިބޭތީ އެކަމުގެ ޝަކުވާ އަބަދުވެސް ސިވިލް ސަރވަންޓުން އަބަދުވެސް ކުރެއެވެ. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަކީ އެވްރެޖްކޮށް 18،000-8،000 ދެމެދެވެ. މަސައްކަތު (ސަޕޯޓް ސަރވިސް) މުވައްޒަފުންނާއި ޖީއެސް 3 ރޭންކުގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު ލިބެނީ 8000 ރުފިޔާއެވެ. ޖީއެސް 4 މުވައްޒަފުންނަށް ނުވަހާހެއްހައި ރުފިޔާ ލިބޭއިރު، އެމްއެސް 1 ރޭންކުގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު ކިރިޔާ ލިބެނީ 10،000 ރުފިޔާއެވެ. އެމްއެސް 2 ރޭންކުގެ މުވައްޒަފުންނަށް ލިބެނީ އެގާރަ ހާހެއްހައި ރުފިޔާއެވެ. އެމްއެސް 3 ރޭންކް ނުވަތަ އެސިސްޓް ޑިރެކްޓަރ ލެވެލްގެ މުވައްޒަފުންނަށް ލިބެނީ 12،000 ރުފިޔާއެވެ. ޑިރެކްޓަރުންގެ މުސާރަ 15،000 ރުފިޔާގައި އުޅޭއިރު، ޑިރެކްޓަރ ޖެނެރަލުންނަށް ލިބެނީ 18،000 ރުފިޔާއެވެ. ދައުލަތުގެ އެހެން މުއައްސަސާތަކާ ބަލާއިރު، އެއް ރޭންކެއްގައި މަސައްކަތް ކުރިނަމަވެސް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑުތަނުން ކުޑައެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ މިއަހަރު ބޮޑު ކޮށްފައިވާއިރު، މިދިޔަ އަހަރު ވަނީ ޓީޗަރުންނާއި ނަރުހުން އަދި ޑޮކްޓަރުންގެ މުސާރަ ބޮޑު ކޮށްފައެވެ. މުސާރަ ބޮޑުކޮށްދިނުމަށް އެދި ގިނަ އަދަދެއްގެ ސިވިލް ސަރވަންޓުން ސޮއިކޮށް ރައީސް އޮފީހަށް މިއަހަރު ޕެޓިޝަނެއް ހުށަހަޅާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ދައުލަތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް 12 ބިލިޔަން ކަނޑައަޅާފައިވާއިރު އެއީ ބަޖެޓުގެ 25 އިންސައްތަކަން ފާހަގަ ކޮށްލެވެއެވެ.