އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަގުތުން ދޫކޮށްލުމަށް އެކޯލިޝަނުން ގޮވާލައިފިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ މުޙައްމަދު އިސްމާޢީލު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހުމަކީ މިސަރުކާރު ވަރަށްބޮޑަށް ބަލިކަށިވެ ހަދާނެގޮތް ހުސްވެގެން ވާދަވެރި ކޯލިޝަންގެ އަޑު ކަނޑުވާލާ ބިރުދެއްކުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.

އަދި މިއީ ޖުޑިޝަރީ ޙިސާރުކޮށް ސަރުކާރުގެ ޚުދުމުޚުތާރު ކަން މުޅި ސިސްޓަމްގެ ތެރެއަށް ބާނާލާފައިވާކަން ސާފުކޮށްދޭ ކަމެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

"މުޙައްމަދު އިސްމާޢީލް އާއި މި ކޯލިޝަންގެ އިސްސަފުގައި ޙަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް މި ކޯލިޝަނުން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖުތައް ހުއްޓާނުލާ ކުރިއަށްދާނެ" އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ މިސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށްވެސް ބުނެފައެވެ.