މޯލްޑިވްސް ނެޝަނަލަް ޑީފެންސް ފޯސަސް (އެމްއެންޑީއެފް) އިން ޅ. ހިންނަވަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެންގަ އެ ރަށުގައި "މޫދު ކަސްރަތު" ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 1 އިން 25 އަށް ހިންގި މި ޕްރޮގްރާމްގައި އެރަށުގެ 80 އަންހެނުން ޕްރޮގްރާމް ފުރިހަމަކުރައްވާފައިވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮގަސްޓު 25 ވަނަ ދުވަހުރޭ ޅ.ހިންނަވަރު ރީތި ބީޗުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ

މި ޕްރޮގުރާމުގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަން ވަނީ ކިޔައިދީފައެވެ. މީގެއިތުރުން، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ހަމަައެހެންމެ މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފް އަދި އަދަބު އަޙްލާޤު ވަނީ އުގަންނައިދެވިފައެވެ.