ބޭރުގެ މާލީ އިދާރާތަކުން ދިން އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ސަބަބުން 122 ބިލިޔަން ރުފިޔާގެ ދަރަނި އުފެދިފައިވާކަމަށް ވިދާޅުވެ އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ ރަސްރަސްކަލުންނާއި ހިސާބުން ފެށިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހިސާބަށް ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން އުފެއްދެވި ދަރަންޏަށްވުރެ ފާއިތުވެދިޔަ 5 އަހަރު އެމްޑީޕީ ސަރުކާރުން އުފެއްދި ދަރަނި ބޮޑު ކަމަށެވެ.

"އައިމްއެމްއެފް، ވަރލްޑް ބޭންކް އޭރުވެސް ހުއްޓޭ. މިހުރިހާ ފައިސާއެއް ޗާޕުކުރިއިރު އެހުރިހާ ބޭފުޅުން ދިޔައީ އިންޒާރު ދެމުން. ތިޔަހެން ތިކަން ނަހަދާށޭ، ތިޔަހެން ތިކަން ނުުކުރާށޭ. ސެންޓްރަލް ބޭންކަށް އެބޭފުޅުން ދިޔައީ އިންޒާރު ދެމުން، އޭރުގެ މާލީ ވަޒީރަށް ދިޔައީ އިންޒާރު ދެމުން އަދި ސީދާ ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލުކޮށް އެތައްފަހަރަކު ވާހަކަ ދައްކާފައި ހުރީ ތިގޮތަށް ތިކަން ނުކުރާށޭ، ތިގޮތަށް ތިކަން ކުރީމަ ރާއްޖެ ގޮސް ވެއްޓޭނެ ހާލަތަކީ މިއީއޭ. އެކަމަކު އެމްޑީޕީގެ ސަރުކާރަށް އޭރުގަ ނުފެނުނޭ އިންތިހާބަށްވުރެ ފަހަތެއް އިނގޭތޯ. ތިމަންނަމެން މި އިންތިހާބު ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން، އެބޭފުޅުންގެ އެއްވެސް ކަހަލަ ހަރުދަނާ ކަމެއް، ސިޔާސަތެއް ނެތީމަ، އެކަން ކުރީމަ، ބައްލަވާ މިއޮތީ ގޮއްސަ ސަތޭކަ ވިހި ޕަސެންޓަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސަތޭކަ ވިހި ޕަސެންޓަށް ދަރަނި، ސަތޭކަ ބާވިސް ބިލިޔަން ރުފިޔާގެ ދަރަނި. އެބޭފުޅުން (އެމްޑީޕީ) ހަމައެކަނި އުފެއްދި ދަރަނި ރާއްޖޭގެ ރަސްރަސްކަލުން ފެށިގެން ގޮއްސަ، ޕްރައިމް މިނިސްޓަރު ކަމުން ރައީސުލްޖުމްހޫރިއްޔާ ކަމުން ވަޑައިގެންނެވި ހުރިހާ ބޭފުޅުން، މުޅި ތާރިހު، މުޅި ތާރިހު ދުވަހަކުވެސް، ދިވެހި ތާރިހް ލިޔަން ފެށި ހިސާބުން ފެށިގެން ގޮސް 2018 އާ ހަމައަށް އައި އިރުގައި އޮތް ދަރަންޏަށްވުރެ ބޮޑު ދަރަންޏެއް އެންމެ ފަސް އަހަރު ތެރޭގައި އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފައްދައިފި. އެންމެ ފަސް އަހަރު ދުވަސް ތެރޭގައި އިނގޭތޯ" ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ދިވެހި ދައުލަތް ދަރުވާލި ހާދިސާއަށް އިޝާރާތް ކުރައްވައި ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ މި ދަރަނިތަކާއެކުވެސް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން 16 ބިލިޔަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި އިގްތިސާދީ ކުރިއެރުން މިއަހަރުވެސް 4.1 ޕަސެންޓަށް ކުރިއަށް ޖެހޭނެ ކަމަށާއި ދައްކަން ޖެހޭ އެއްވެސް ލޯނެއް ނުދެއްކި ރާއްޖެ ޑީފޯލްޓް ނުވާނެ ކަމަށެވެ.