ފެނަކަ ކޯޕަރޭޝަންގެ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން، ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީތަކުގައި ސްމާރޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ނިންމާލައި، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މި އައު ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ދ. ކުޑަހުވަދޫގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، އަދި ހަކަތައާބެހޭ ވަޒީރު، ތޯރިޤް އިބްރާހީމެވެ.

މި ޚިދުމަތުގެ ދަށުން ބޭނުންކުރެވޭ ސްމާރޓް މީޓަރަކީ، މިހާތަނަށް ބޭނުންކުރަމުން އައި އެނަލޮގް އަދި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި، މުޅިން އޮޓޮމޭޓްކުރެވިފައިވާ، އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މޮނިޓަރކުރެވޭނެ ޒަމާނީ މީޓަރުތަކެއްކަމުގައި ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ. މި މީޓަރުތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ މީޓަރެވެ.

މި ރަސްމިއްޔާތުގައި ފެނަކައިން ވަނީ ސްމާރޓް މީޓަރގެ މޯބައިލް އެޕްލިކޭޝަންވެސް ތަޢާރަފުކޮށްފައެވެ. މި އެޕްލިކޭޝަނަކީ ފެނަކައިގެ ސްމާރޓް މީޓަރުތަކުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، އެމީހުންގެ އަމިއްލަ ފޯނުން، ގޭގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރކުރެވޭނެ ޑިޖިޓަލް ވަސީލަތެކެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، މިހާރު ހަމައެކަނި ދުވާލަކު ބޭނުންކުރެވޭ މިންވަރު ފެނުނުނަމަވެސް ކުރިއަށްއޮތް ތަނުގައި އަމާޒުކުރަނީ ކޮންމެ ގަޑިއިރަކު ކަރަންޓް ބޭނުންކުރެވޭ މިންވަރު ކަސްޓަމަރުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. އަދި ކުރިއަށް އޮތްތާ ފެނުގެ މީޓަރުތައްވެސް ސްމާރޓްކުރަން އަޒުމްކުރާކަމަށް މުޢާޒް ވިދާޅުވިއެވެ.

ސްމާރޓް މީޓަރ ޕްރޮޖެކްޓުގެ ދަށުން، ކުޑަހުވަދޫގައި ބޭނުންކުރެވޭ އެންމެހައި ކަރަންޓު މީޓަރުތައް ސްމާރޓް މީޓަރަށް ބަދަލުކޮށް ނިންމާލުމާއެކު، ރޭ އެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިވެއެވެ. އަދި ފެނަކައިން ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެހައި ރަށްތަކުގައި މި ޚިދުމަތް ތަޢާރަފުކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

މި ގޮތުން، މިހާރުވެސް ދާލު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ހދ. އަތޮޅު، ބ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ތ. އަތޮޅުގެ ބައެއް ރަށްތަކާއި ފުވައްމުލަކު ސިޓީގައިވެސް މި ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ މި ސްމާޓް މީޓަރަކީ ޗައިނާގެ ޑޮންފަންގ ކުންފުނީގެ އުފެއްދުމެކެވެ. ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކަށްވެސް ފެތޭ މި ސްމާރޓް މީޓަރ ޓެސްޓު ކުރެވޭނެ ވަޞީލަތްތައް ފެނަކައިގަ ވަނީ ޤާއިމްކޮށްފައެވެ.