އީދު މިސްކިތުން އަނެއްކާވެސް ވައްކަން ކޮށްފިއެވެ. އެ މިސްކިތުން ވައްކަން ކޮށްފައިމިވަނީ މަރާމާތަށް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައިއެވެ.

މާލޭ ސިޓީ ކައުންސިލްއިން ވިދާޅުވިގޮތުގައި އެ މިސްކިތުން ވަގަށް ނަގާފައިވަނީ 13 ބޮކި އަދި 8 ފަންކާގެ ނަރުތަކެވެ. އީދު މިސްކިތުން ވައްކަން ކޮށްފައިވަނީ ރޭގެ 6 އަކާ 10 އަކާ ދެމެދު ވަގުތެއްގައި ކަމަށްވެސް ސިޓީ ކައުންސިލްއިން ހާމަކުރިއެވެ.

ސިޓީ ކައުންސިލްއިން ވިދާޅުވީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.

މިއަހަރު ޖޫން މަހުވެސް އީދު މިސްކިތުން ވައްކަން ކޮށްފައިވެއެވެ. އެެގޮތުން އެމަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާކަމަށް މަލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި 41 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވެސްވެއެވެ.

މާލެ ސިޓީ އެކިއެކި މިސްކިތްތަކުން ފަންކާއާއި، ސައުންޑް ސިސްޓަމާއި، ފެން މޯޓަރާއި ބޮކި ފަދަ ތަކެތި ވަގަށް ނެގުމުގެ ހާދިސާތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.