މަލްޓި ޑައިމެންޝަނަލް ޕޮވާޓީ އިންޑެކްސް (އެމްޕީއައި)ގެ ސަބަބުން މާލެއާއި އަތޮޅު ތެރެ ހަމަހަމަކަމާއެކު ތަރައްގީ ކުރެވޭނެ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިހާރު އުޒްބަކިސްތާނުގައި ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ޕޮވަޓީ ޕިއާސް ނެޓްވޯކްގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރާއްޖެ އިތުރަށް ތަރައްޤީކުރާއިރު ވެރިކަންކުރާ މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއެކު ތަރައްޤީކުރަންޖެހޭކަމަށާއި، އެގޮތަށް ކަންކަން ބައްޓަން ކުރުމަށް އެމްޕީއައިގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެމްޕީއައި ބަލައިގަތުމަކީ، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު އެކި ދާއިރާތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެ ކަމެށް ކަމަށެވެ.

މި ބައްދަލުވުމުގައި އިތުރަށް ވަޒީރު ވިދާޅުވީ އެމްޕީއައި ތައާރަފްކުރުމާ އެކު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅިގެން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ދެނެގަނެ އެ ނިސްބަތް ދަށްކުރުމަށް މަސައްކަތްތަކެއް ފަށައިފައިކަމަށެވެ. އަދި 2020 ވަނަ އަހަރު އެމްޕީއައިގެ އެހީގައި ރާއްޖޭޣެ ކޮންމެ ދިހަ މީހުންގެ ތެރެއިން އެކަކަކީ ފަގީރެއްކަން ދެނެގަނެވިފައި ވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.