ގޭގައި ތިބެގެން އޮންލައިންކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަަދަޤާތް ކުރެވޭނެ އިންތިޒާމް ލޯންޗުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ ވަޒީރުގެ، ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ އެންމެ ކުރިން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދީލަތި އެކި ފަރާތްތަކުން ޚައިރާތުގެ ގޮތުގައި އެހީތެރިކަން ދެމުންދާ ކަމަށާއި، މިއަދު ހުޅުވިގެންދިޔަ އޮންލައިން ފުރުސަތުގެ ތެރެއިން ގޭގަ އިނދެގެންވެސް އެހީތެރިކަން ވެވޭނެކަމަށެވެ.

މީގެއިތުރުން ވަޒީރު ވަނީ ސަދަގާތް ކުރުމުގެ މާތްކަން ވެސް ފާހަގަ ކުރައްވާފައެވެ. މިގޮތުން ވުޒާރާ މެދުވެރިކޮށް ސަދަގާތް ކުރައްވާ ބޭހުފުޅުންނަށް އެ އެހީވެވެނީ ވުޒާރާއިން ދީނަށް ކުރައްވާ ހިދުމަތްތަކަށެވެ. މިގޮތުން ޤުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުން ހިމެނެއެވެ. މިފަދަ ކަންކަމުގައި އެހީ ވުމަކީ މަރުވުމަށް ފަހު ވެސް ﷲގެ އިރާދަ ފުޅާއެކު އޭގެ އަޖުރު އިންސާނާއަށް ލިބިލިބި ހުންނަ ކަންކަމެވެ.