އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފިއެވެ.

އިސްލާމީ ވުޒާރާއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން އަރުވައިފިއެވެ. މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ. އަލްޙާފިޡް ޢަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއަދު މި މަޝްރޫޢު ލޯންޗުކުރެވި ޢުމްރާ ދަތުރު އެރުވިފައިމިވަނީ ވަރަށް ހާއްސަ ޙާފިޒަކަށް ކަމަށެވެ. އެއީ އަލްޙާފިޡް އަލީ ރަޢީފުއަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡެއްްކަމަށެވެ. މީގެއިތުރުން ވަޒީރު ވިދާޅުވީ މި މަޝްރުއު ކުރިއަށް މިދަނީ ދީލަތި ފަރާތްތަކެއްގެ އެހީއާއި އެކުގައި ކަމަށެވެ. އަދި މި މަޝްރޫއުއަކީ ގުރުއާން ހިތުދަސް ކުރުމަށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި އިފްތިތާހް ކުރި އެއްޗެއް ކަމަށެވެ.