އޮފީހަށް ގޮސް މަރިޔަނބަށް ވަދެވޭނީ ސުން ސިކުންތަށެވެ. ކާޑު ޖެހުމާއެކު އަވަސް އަރުވައިލައިގެން އޮފީސް ދެކުއްޖަކު ގޮވައިގެން ހެނދުނުގެ ނާސްތާއަށް އެއްޗެހި ގަންނަން ނުކުންނާނެއެވެ. ސައިބޯ އެއްޗެހި ގަތުމުގެ ކުރިން ހިސާބު ގަނޑުގެ ދެތިން ރެސްޓޯރެންޓެއް ބަލާނެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ވެސް އެއްޗެހި ގަންނާނީ އެއްތަނަކުންނެވެ.
ސައިބޯ އެއްޗެހި ހިފައިގެން އައިސް އޮފީހަށް ވަދެވޭ އިރު ހުންނާނީ ބަނޑުހައިވެގެން ހާންތިވެފައެވެ. ދެން އެވީ ސައިބޯށެވެ.
އަސްތާ! ކަމަކު ދާކަށްނެތެވެ. ސައިބޮއި ނިމުނުއިރު މިހިރީ ދިހައެއް ޖަހާފައެވެ. އަވަސް އަވަހަށް ސައި ކޮޓަރިން ނުކުމެ މަރިޔަނބު މޭޒު ދޮށަށް ހިނގައިދާނެއެވެ. އެއަށްފަހު އަތްދަބަސް ހުޅުވާލައިގެން އެއިން ހޭންޑް ކްރީމް ފުޅިއެއް ނަގައި އަތުގައި ވަސްބަލާލުމަށްފަހު ކްރީމް އުނގުޅަން ފަށާނެއެވެ. ކްރީމް އުނގުޅާ ނިމިގެން އަތްދަބަހުން ލޯގަނޑެއް ނަގައި މޫނު ބަލާލުމަށްފަހު މޭކަޕް ރީތިކޮށްލާނެއެވެ.
އެއަށްފަހު އަވަސް އަވަހަށް ނޯޓް ފޮތް ނަގައި މޭޒުމަތީ ބޭއްވުމަށްފަހު ކޮމްޕިއުޓަރު ހުޅުވާލާނެއެވެ. އަދި މެއިލް ޗެކް ކޮށްލުމަށްފަހު ފޭސްބުކް އަޕްޑޭޓް ކޮށްލައި ކުރިން ދުވަހު އޮންލައިންކޮށް އޯޑަރު ދިން ތަކެތީގެ ޚަބަރު ބަލައިލާނެއެވެ. އެއަށްފަހު އެންޓްރީ ގައި އެއްވެސް އެއްޗެއް އޮތްތޯ ބަލައި ޗެކުކޮށްލާނެއެވެ. އަދި ބޮޑުމީހާ އޭނާ ހޯދިތޯ ގާތުގައި ތިބި ކުދިން ގާތު އަހާލާނެއެވެ. އެކުދިންނަށް ޖަވާބު ނުދެވެނީސް މޭޒުމަތީގައި ހުރި ގަސްތަކުގެ ފެންބަދަލު ކުރުމަށް މަރިޔަނބު ސައި ކޮޓަރިއަށް ހިނގައިދާނެއެވެ.
ސައިކޮޓަރިއަށް ދާއިރު އެތާގައި ކުދިން ތިބީމައި އެކުދިން ކުރަނީ ކީއްތޯ ބަލައިލާފައި ނުކުމެ މަރިޔަނބުގެ މޭޒު ދޮށަށްދެވޭއިރު ބާރަ ޖަހާފާނެއެވެ. މޭޒު ކައިރީގައި އިށީނދެ ރެޔާއި އިއްޔެގައި ހިނގި ކަންތައް ގާތުގައި ތިބި ކުދިންނަށް ކިޔައިދޭނެއެވެ. އެއަށްފަހު އަނެއްކާވެސް މަސައްކަތެއް އޮތްތޯ ބަލައިލާނެއެވެ. ދެން މެންދުރަށް އޮފީހަށް ކާއެއްޗިހި ގެންނަނީ ކޮންކުދިންނެއްތޯ ބަލައި ލިސްޓް ތައްޔާރު ކޮށްލާނެއެވެ.
ދެން އެޖެހުނީ މަސައްކަތެވެ. ކާއެއްޗިހި އޮފީހަށް ގެންނަންވާއިރަށް އޯޑަރު ދިން ހުރިހާ ކުދިން އަތުން ލާރިނަގައި ހަމަކުރަން ޖެހެއެވެ. ކާއެއްޗިހި އޮފީހަށް ގެންނަން ވާއިރަށް ފެންފުޅިއެއް ގަންނަން ކެންޓީނަށް ދާން ޖެހެއެވެ. ކެންޓީނުން ފެންފުޅި ގަނެގެން ނުނުކުމެވެނީސް ޑެލިވަރީ ބޯއީ ގުޅާނެއެވެ. ކާއެއްޗެއްސާ ހަވާލުވެ އެތަކެތި ސައިކޮޓަރީގައި އަތުރާނީ މަރިޔަނބެވެ. އަދި ހުރިހާ ކުދިންނަށް ތައްޔާރުކޮށްދޭނީ ވެސް ހަމަ މަރިޔަނބެވެ. އެއީ ހުރިހާކުދިން އައިސް އެކަމުގައި އުޅެން ވެއްޖެއްޔާ އޮފީހުގެ ވަގުތުތަކެއް ބޭކާރުވެދާނެތީއެވެ.
މަރިޔަނބު މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު އެހެން ބައިވެރިން ގާތު ކާއެއްޗެހި ހޫނުކަންމަތީ ކެއުމަށް ނަސޭޙަތްތެރިވެ، ހުރިހާ ބައިވެރިން ގޮވައިގެން ކެއުމަށް އިންސާފުކުރުމަށް ސައިކޮޓަރިއަށް ދާނެއެވެ.
މަރިޔަނބާއި އޭނާގެ އެކުވެރިން ކައި ނިމޭއިރު ހުންނާނީ ދޭއް ޖަހަން ވަރަށް ގާތްވެފައެވެ. އެހެންކަމުން އޮފީސްގަޑި ނުނިމެނީސް އެދުވަހު ހަވާލުވެފައި ހުރި މަސައްކަތް ނިންމާލުމަށް އެހެން ކުދިންނަށް މަރިޔަނބު ނަސޭހަތްތެރިވާނެއެވެ. އަދި އޮފީސްގަޑީގެ އެންމެ މިނެޓެއްވެސް ބޭކާރު ނުކޮށް ލިބޭ މުސާރައަކީ ހަލާލު އެއްޗެއް ކަމަށް ހެދުމަށް ކޮންމެ ދުވަހަކުވެސް މަރިޔަނބު ވާހަކަ ދައްކާނެއެވެ.
އެއަށްފަހު މަރިޔަނބު އަނެއްކާވެސް މޭޒު ދޮށަށް ގޮސް ހެނދުނު ކަންތައްކުރި ގޮތަށް އަތުގައި ލޯޝަން އުނގުޅައި މޭކަޕް ކޮށްލާނެއެވެ. އޭރު ސެކުޝަންގެ އެހެން ކުދިން ގެއަށް ދާން ނުކުންނަން ފަށާނެއެވެ. އަދި މަރިޔަނބަށް އެކުގައި ދިއުމަށް ގޮވާނެއެވެ. ނަމަވެސް މަރިޔަނބު މަސަކަތް ނުނިންމާ ގެއަށް ނުދާނެ ކަމަށް ބުނެ މަޑުކުރާނެއެވެ.
އެއަށްފަހު އެދުވަހު އެންޓްރީގައި އޮތް ސިޓީއެއް ނަގައި އެއަށް ޖަވާބު ލިޔުމުގެ މަސައްކަތް ފަށާނެއެވެ. ދެން އޮފީހުން ގެއަށް ނުގޮސް ތިބީ ކޮންބައެއްތޯ ބަލާނެއެވެ. އަދި އެމީހުން ކުރަނީ ކޮންކަމެއްތޯ ވެސް އަހައި އޮޅުން ފިލުވާނެއެވެ. އަދި އެކުދިން ކުރާ މަސައްކަތުގައި އެހީތެރިކަމެއް ބޭނުންތޯ ވެސް ބަލާނެއެވެ. މިގޮތަށް އޮފީސް ތެރޭގައި ހިނގަހިނގާފައި މޭޒު ކައިރިއަށް ދެވޭއިރު ޢަސުރުން އިރު ތިރިވެދާނެއެވެ.
ދެން އޮފީހުގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކު މަރިޔަނބު ސައި ނުބޮންތޯ އަހާލާނެއެވެ. ދެންއަނެއްކާވެސް މަރިޔަނބު ހަވީރު ސައިގެ މަސައްކަތް ފަށާނެއެވެ. އޯޑަރު ނެގުމާއި އޯޑަރު ދިނުމާއި ސައިތައްޔާރު ކުރުމުގެ މަސައްކަތް މަރިޔަނބު އެކަނިކޮށް ނިންމާނެއެވެ.
އެއަށްފަހު އޮފީހުގައި ތިބި ކުދިންނާއިއެކު ސައި ބޮއި ނިންމާލައިގެން ކުރިން ވެސް ނެގި ސިޓީއަށް ޖަވާބު ދިނުމުގެ މަސައްކަތާއިގެން ކުރިއަށް ދާނެއެވެ. މިހާއިރު ވާއިރު އޮފީހުގައި ތިބި ކުދިންގެ ތެރެއިން ފަހަރަކު ކުއްޖެއް ނުވަތަ ދެކުދިން އެއްފަހަރާ ގެއަށް ދާން ފަށާނެއެވެ.
މަރިޔަނބު ގަނޑިން ވީއިރު ބަލައިލިއިރު ކަމަކު ދާކައްނެތެވެ. އިރު އޮއްސި ހައެއް ޖަހަނީއެވެ. ދެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި އަވަސް އަވަހަށް އަތްދަބަސް ނަގައިގެން މޭކަޕް ކޮށްލައިގެން ގެއަށް ދާން ތައްޔާރުވާނެއެވެ.
މަރިޔަނބަށް ގެއަށް ދެވޭއިރު ހުންނާނީ އިރު އޮއްސި ހަތެއް ޖަހާފައެވެ. ގެއަށް ވަދެ މީހަކަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަރިޔަނބު ބުނާނެއެވެ. މިއަދު އޮފީހުގެ މަސައްކަތް ބުރަކަމުން އަވަހަށް ނާދެވުނީއެވެ.