ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަންގާރަ ދުވަހު ފަށައިފިއެވެ

ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފުވައްމުލައް ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިހައިތަނަށް 40 ކެއަރ ޕެކޭޖަސް ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ. މި މަސައްކަތުގައްޔާއި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޮނިޓަރިންގ ޙާލަތަށް ގެނެވޭ ރަށްތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން މި މަހުގެ 11 އިން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.