ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ މެންބަރު ޤައުމުތަކުން ސީ.އެސް.ސީ ޗާޓަރ އަދި ސީ.އެސް.ސީގެ ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކުރައްވައިފިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އިންތިޒާމުކޮށްފައި ވަނީ ސްރީލަންކާގެ ސަރުކާރުގެ ފަރާތުން އެޤައުމުގެ ކޮލަމްބޯ ސިޓީގައެވެ.

މި ފަހުމުނާމާގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، އަޖިތް ދޯވަލް ކޭ.ސީއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހިމް ލަތީފްއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިކަމާއި ގުޅޭ ލިޔުންތަކުގައި ސޮއިކުރެއްވީ އެ ޤައުމުގެ ރައީސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ސާގަލާ ރަޓަނަޔަކައެވެ. އަދި މޮރިޝަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާ، ސްރީލަންކާ އަދި ދިވެހިރާއްޖެ ގުޅިގެން، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް ޤާއިމުކޮށްފައިވާ ފްރޭމްވޯކެކެވެ. މި އޮނިގަނޑުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.

ފައުންޑިންގ މެންބަރު ޤައުމުތައް ކަމަށްވާ އިންޑިޔާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އިތުރުން، މިހާރު މޮރިޝަސްވެސް ވަނީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ ގުޅިވަޑައިގެންފައެެވެ. އަދި ބަންގްލަދޭޝާއި ސީޝެލްސްއިން އަންނަނީ އޮބްޒާވަރ ޤައުމުތަކުގެ ގޮތުގައި ކޮންކްލޭވްގެ ބައްދަލުވުންތަކުގައި ބައިވެރިވަމުންނެވެ.

ސީ.އެސް.ސީގެ ދަށުން މެންބަރު ޤައުމުތަކުން އެއްބާރުލުންދޭ މައިގަނޑު 5 ކަމެއް އޮވެއެވެ. އެ ފަސް ކަމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން، ޓްރެފިކިން އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން، ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން އަދި އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުމެވެ.

ރައިސް އޮފީހުން ވިދާޅުވި ގޮތުގައި، ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފައުންޑިން ޑޮކިއުމެންޓްސްގައި ސޮއިކުރުމުގެ ހަރަކާތް ނިންމާލާފައި ވަނީ ކޮންކްލޭވްގެ ކުރިއަށް ހުރި މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަފުދުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.