އައްޑޫ ސިޓީގައި ފަޤީރުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިގު ވިދާޅުވީ އައްޑޫގެ ފަޤީރުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ސޯޝަލް ސަރވިސް ސެކްޝަނުންނާއި، ހުރިހާ އަވަށު އޮފީސްތަކުން ކުރައްވަމުންގެންދަވާ ކަމަށެވެ.

ފަޤީރުންގެ ދަފުތަރު އެކުލަވާލެއްވުމުގައި ދިމާވާ ދަތިކަންކަމާބެހޭ ގޮތުން މޭޔަރު ވިދާޅުވީ، ލިސްޓުގައި ނަން ނުހިމެނޭ ފަރާތްތަކުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް އުޞޫލުގެ ތެރެއިން ކަންތައްތައް އޮންނަ ގޮތް ކިޔައިދެއްވުމުން ރައްޔިތުން އެކަންކަން ޤަބޫލުކުރައްވާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މޮނިޓަރިންގެ ޙާލަތުގައޮ އޮތްނަމަވެސް، 21 ފެބުރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ މަސައްކަތް ފަށާނެ ކަމަށާއި، ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި މި މަސައްކަތް ނިންމަވައި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅުއްވާނެކަމުގެ ޔަޤީންކަންވެސް މޭޔަރު ވަނީ ދެއްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރު ވަނީ އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޙާލަތު މިހާރު އޮތް ގޮތްވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭފުޅުންނާ ޙިއްޞާކުރައްވައިފައެވެ.

މީގެ އިތުރުން، މިނިސްޓްރީގެ މިސްކިތު ފަންޑުން ރަމަޟާން މަހާ ދިމާކޮށް އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރާއި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އިސްލާމިކް މިނިސްޓަރ، ޑރ. އަޙުމަދު ޒާހިރު ޢަލީ އާއި ސްޓޭޓް މިނިސްޓަރ، ޝެއިޚް އިލްޔާސް ޖަމާލްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބައެއް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.