އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަޤާމުގެ މަސްއޫލިއްޔަތު ކުރީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފާ ޙަވާލު ކުރެއްވުމަށް ނިންމަވައިފިއެވެ.

ޑެޕިޔުޓީ މޭޔަރު ކަމާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލްގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ މިހާރު އަދާ ކުރައްވާ ވަޒީފާއަކީ އައްޑޫ ސިޓީކައުންސިލް އިދާރާގެ ކޯޕަރޭޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ ކަމުގެ ވަޒީފާއެވެ.

އެސްޖީގެ މަސްއޫލިއްޔަތު ޔަސްރިފާ ޙަވާލު ކުރެއްވުމަށް ނިންމެވީ އެކައުންސިލުން މިއަދު ބޭއްވި ޖަލްސާއިންނެވެ. މިއީ މިއަހަރު ބޭއްވި ފަސް ވަނަ ރަސްމީ ޖަލްސާއެވެ.

ޔަސްރިފް ޑެޕިޔުޓީ މޭޔަރުކަމާއި ކައުންސިލަރ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އައްޑޫ ކައުންސިލުން ވަނީ އޭގެ ޚިދުމަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.