އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި، ގެވެށި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ "އެލްޑަރލީ ހޯމް" ބިނާ ކުރުމަށް ދީފައިވާ ބިން އިތުރަށް ބޮޑު ކޮށްދެއްވައިފިއެވެ.

އެތަން ބިނާ ކުރުމަށް ބިން ހަމަޖައްސަވައި ދެއްވާފައިވަނީ ފޭދޫ ހިއްކިބިމުންނެވެ. އެކަމަށް ކުރިން ދީފައިވާ ބިމުގެ ބޮޑު މިނަކީ 15،000 އަކަފޫޓެވެ. އައްޑޫ ސިޓީކައުންސިލުން މިއަދު ވަނީ އެ ބިން 30،000 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްދެއްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ބިން ބޮޑުކޮށްދެއްވީ މިނިސްޓްރީ އޮފްޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކަމަށް އެދިވަޑައިގެންފައިވާތީ އެވެ.ބިން ބޮޑުކޮށް ދެއްވިޔަސް މިނިސްޓްރީން އެތަނުގެ މަސައްކަތް ފަށާނެ ދުވަހެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާއިން ވަނީ އެ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ހިތަދޫ އަވަށުގެ ޒުވާނުންގެ މަރުކަޒު ސަރަޙައްދުން 10،000 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށް ފާސް ކުރައްއްވައިފައެވެ. އޭގެ އިތުރުން އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ވެސް އެފަދަ ސެންޓަރެއް އެޅުމަށް ހުޅުދޫ އަވަށުގެ ޒުވާނުންގެ މަރުކަޒު ސަރަޙައްދުން ވެސް 10،000 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށް މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 2021 ވަނަ އަހަރުގެ ފަސް ވަނަ ރަސްމީ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.