ހއ. އުލިގަމުގައި ސިޓީހޮޓާ ތަރައްޤީ ކުރުުގެ މަސައްކަތް އަންނަމަހު އަލުން ފަށައިގަނެވޭނެކަމަށް ، ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި އޮންލައިން ބައްދަލުވުމުގައެވެ.

މިމަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް އަންނަ އޮކްޓޯބަރު 4 ވަނަ ދުވަހު އަލުން ބިޑަށް ހުޅުވާލުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް ޢިމާދު ޢަބުދުﷲ ވިދާޅުވީ، ބައްދަލުވުމުގައި މިނިސްޓަރު ދެއްވި މަޢުލޫމާތާއެކު ސިޓީހޮޓާ ތަރައްޤީ ކުރަން ފެހި ސިގްނަލް ލިބި ، އުންމީދު އައު ވެއްޖެ ކަމަށާއި، އުލިގަމު ސިޓީ ހޮޓާމަޝްރޫޢާއި، އެރަށުގެ ޔޮޓް މެރީނާ މަޝްރޫޢުއަކީ ރަށްޔިތުންގެ 12 އަހަރުގެ އުންމީދެއް ކަމަށެވެ.

އެމްޓީޑީސީން ތަރައްޤީ ކުރުމުގެ މަސައްކަތްފެށި އުލިގަމު ސިޓީ ހޮޓާ މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެގޮތުން ސްޓާފް އެކޮމަޑޭޝަންގެ މަސައްކަތާއި 25 ގެސްޓް ރޫމް އިމާރާތްކޮށް ވަނީ ނިންމާފައެވެ.