އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ވިންޑަރ ނަމަކަށް ކިޔާ ރަށެއްގައި ހުންނަ އަޕަލަޗީ ހައި ސްކޫލުގައި 14 އަހަރުގެ ދަރިވަރަކު ބަޑިޖަހައި، ހަތަރު މީހަކު މަރައިލައި، މަދުވެގެން ނުވަ މީހަކަށް ޒަހަމްކޮށްލައިފިއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 14 އަހަރުގެ ދެ ދަރިވަރުންނާއި އަދި ދެ މުދައްރިސުން ހިމެނެއެވެ.

މި ހަމަލާގެ ސަބަބުން ދަރިވަރުން ކްލާސްރޫމްތައް ބަންދުކޮށް ރައްކާތެރިކަން ހޯދަން މަސައްކަތްކުރުމާއެކު ސްކޫލުގައި ބޮޑު ހަލަބޮލިކަމެއް އުފެދުނެވެ. ސްކޫލުގެ ދެ ރިސޯސް އޮފިސަރުން އަސްސޯލްޓް ރައިފަލަކާއެކު ހުރި ބަޑިޖެހި ކުއްޖާ ހިފަހައްޓައިފައިވެއެވެ. މި ކުއްޖާއަށް މިހާރު ވަނީ ބޮޑެތި މީހުންނާ އެއްފަދައިން މީހުން މެރުމުގެ ދަޢުވާ އުފުލިފައެވެ.

އެފްބީއައިން ހާމަކުރި ގޮތުގައި، މި ކުއްޖާ ވަނީ 2023 ވަނަ އަހަރުގެ މޭ މަހު އޮންލައިންކޮށް ބިރުދެއްކުމުގެ މައްސަލައެއްގައި ތަޙުޤީޤު ކުރެވިފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

މި ހާދިސާއަކީ އެމެރިކާގައި ހިނގަމުންދާ ސްކޫލް ހަމަލާތަކުގެ ސިލްސިލާގެ އެންމެ ފަހުގެ ހާދިސާއެވެ. މިކަމުގެ ސަބަބުން ބަޑި ކޮންޓްރޯލް ކުރުމާ ގުޅޭ ބަހުސްތައް އަލުން ފެށިގެން ގޮސްފިއެވެ. މި އަހަރަ މިހާތަނަށް މިފަދަ 29 ހަދިސާއެއް އެމެރިކާގައި ހިނގާފައިވާކަމަށް އެސޯސިއެޓް ޕްރެސް އިން ރިޕޯޓުކުރެއެވެ. އަދި މި ހާދިސާތަކުގައި 127 ފުރާނައެއް ގެއްލިފައިވެއެވެ.