އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީ (ކުރީގެ އެޗުއާރުއެޗު) ގައި އެޑުމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ ޢަދަދު 2 އަށް މަދު ވެއްޖެއެވެ.

ކުރިން އެތަނުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ ފަސް މީހަކަށެވެ. އެއީ 4 ދިވެހީންނާއި ބިދޭސީއެކެވެ. ފަރުވާއަށް ފަހު ތިން މީހަކު ދޫކޮށްލީ އެމީހުންގެ ޙާލަތު ރަނގަޅުވުމުންނެވެ. އެމީހުން އެޑުމިޓް ކުރީ އެމީހުންގެ ހާލަތަށް ބަލާއިރު ގާތުން ބަލަންޖެހޭ މީހުންނަށްވާތީއެވެ.

އައްޑޫސިޓީން މިހާތަނަށް ވަނީ 63 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ހުޅުމީދޫ/މީދޫ އެމްޓީސީސީ ކްލާސްޓަރ އިން 26 މީހަކާއި. އޭވިއޭޝަން ކްލަސްޓަރ އިން 37 މީހެކެވެ. އެވިއޭޝަން ކްލާސްޓަރ އާ ގުޅުންހުރި 341 މީހަކު ވަނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިއެވެ.

މިހާތަނަށް ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 20 މީހުންނެވެ. ފޭދޫން 13 މީހުންނެވެ. މަރަދޫފޭދޫން 4 މީހުންނެވެ. ހުޅުދޫ/މީދޫއިން 26 މީހުންނެވެ. އައްޑޫ ސިޓީގައި 219 ތަނެއްވަނީ ކަރަންޓީން ކޮށްފައެވެ.

ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ވަނީ 196 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ކޮވިޑާ ގުޅިގެން އައްޑޫގައިވަނީ ކާފިއު އިއުލާން ކޮށްފައެވެ.