އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބެހޭގޮތުން ފާޑުވިދާޅުވި މައްސަލައާ ގުޅިގެން ސަސްޕެންޑް ކުރެވުނު ނައިބު ވަޒީރުންގެ ތެރެއިން މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ސަސްޕެންޑް ކުރެވުނު ތިން ނައިބު ވަޒީރުންނަކީ ޒުވާނުންނާބެހޭ ވުޒާރާގެ ނައިބު ވަޒީރުންގެ މަޤާމުގައި ތިއްބެވި މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދެވެ. މީގެ ތެރެއިން އިސްތިއުފާ ދެއްވާފައިވަނީ ޝިއުނާ އާއި މަލްޝާ އެވެ. މި ނައިބު ވަޒީރުން ސަސްޕެންޑް ކުރެވުނީ މި އަހަރު ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

މިކަން މެދުވެރިވި ސަބަބަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބެހޭގޮތުން އެ ބޭފުޅުން ފާޅުކުރެއްވި ޚިޔާލުފުޅުތަކާ ގުޅިގެން، ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށް ބާރުއަޅައި ބޮޑު ކެމްޕޭނެއް ފެށި، އަދި މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް އަމާޒުވުމާގުޅިގެންނެވެ.