ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި އެހީއަށް އެދުނު އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ، މާލެ އުމުރުން 20 އަހަރުގެ އަހްމަދު އުވައިސްއާއި، މއ. ތްރީމޫންސް، މާލެ އުމުރުން 39 އަހަރުގެ މުހައްމަދު މުމީތު ކަމަށެވެ.

މީގެއިތުރުން ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވާ، ރޯ އަޑު އިވުމުން ފުލުހުން އެތަނަށް ގޮސް ދޮރު ހުޅުވުމަށް ބުނުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާކަމަށް ބުނެ ދޮރު ލައްޕާ ތަޅުލި ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ދެވަނަ ފަހަރަށް އެ އަންހެންމީހާ ސަލާމަތަށް އެދި ހަޅޭލެވުމުން ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށް ދޮރު ހުޅުވާ އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތްކުރިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.