ރާއްޖޭގެ އުތުރުގައި ތަޢާރަފުކުރުމަށް ރޭވިފައިވާ ބަންކަރިންގ ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، އިހަވަންދިއްޕޮޅުގައި ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ، އުތުރުގައި ތަޢާރަފުކުރުމަށް ނިންމާފައިވާ ބަންކަރިންގ ޚިދުމަތް މި މަހުގެ 19 ވަނަ ދުވަހު ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، މި ޚިދުމަތް ފެށުމާއެކު އެމްޕީއެލުން މެރިޓައިމް ދާއިރާގެ 14 ޚިދުމަތެއް ބޯޓުފަހަރަށް ފޯރުކޮށްދޭނެ ކަމަށާއި، މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ސީއީއޯ ވަޖީހު ފާހަގަކުރެއްވިއެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ޕައިލެޓޭޖް، ކްރޫ ބަދަލުކުރުން، ކާބޯތަކެތި ފޯރުކޮށްދިނުން، މަރާމާތުކުރުމުގެ ޚިދުމަތް އަދި ޓަގު ބޯޓުގެ ޚިދުމަތް ހިމެނެއެވެ.

އެމްޕީއެލްގެ ސީއީއޯ އިތުރަށް ވިދާޅުވީ، ބަންކަރިންގ ޚިދުމަތް އޮފްޝޯ ގޮތުގައި ފެށުނު ނަމަވެސް، ދެވަނަ މަރުޙަލާގެ ދަށުން ބޯޓުފަހަރު ހޯރަފުށްޓަށް ބަނދަރުކޮށްގެން ޚިދުމަތް ދިނުމަށްޓަކައި އިހަވަންދިއްޕޮޅަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، ދެވަނަ މަރުޙަލާގައި ހއ. ހޯރަފުށީ ފަޅު ހިއްކައި، އެ ސަރަޙައްދުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންޓެއިނަރ ޓާމިނަލެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ޑީޕް ސީ މެއިންޓަނެންސްގެ ޚިދުމަތްތަކަށް ޚާއްޞަ ޓާމިނަލެއް ހއ. އިހަވަންދޫގައި ޤާއިމުކުރުމަށް ނިންމާފައިވާކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. އަދި އެ ރަށުގައި ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ޑޮކްޔާޑެއްވެސް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވަޖީހު އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ހއ. އުލިގަމުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަޖީހު ފާހަގަކުރެއްވިއެވެ. އަދި އިހަވަންދިއްޕޮޅުގައި ކްރޫޒް ޓާމިނަލެއް ޤާއިމުކުރުމަށްވެސް ނިންމާފައިވާ ކަމަށް ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހީރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 10 މަސްދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް ކުރެވުނު މަސައްކަތަކީ، ސަރުކާރުގެ ޤާބިލުކަމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ދެވޭނެ އެންމެ ހަރުދަނާ ޖަވާބުކަމަށްވެސް ސީއީއޯ ވަޖީހު ވިދާޅުވިއެވެ.