ފާއިތުވި 24 ގަޑިއިރު ތެރޭ އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިފަހަރު ވެސް ޕޮޒިޓިވް ވެފައިވަނީ އޭވިއޭޝަން ކްލަސްޓަރ އާ ގުޅުންހުރި އަންހެނެކެވެ. އެމީހާއަކީ ފޭދޫގައި އުޅޭ މަރަދޫފޭދޫ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މީހާ ޕޮޒިޓިވް ވުމުން އޭވިއޭޝަން ކްލަސްޓަރ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 38 އަށް އަރައިފައެވެ. އެއީ ހިތަދޫން 20 މީހަކާއި، މަރަދޫން 4 މީހަކާއި، ފޭދޫން 14 މީހެކެވެ.

އެމްޓީސީސީ ކްލާސްޓަރ އިން ޕޮޒިޓިވްވި 26 މީހުންނާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 64 އަށް އަރައިފައެވެ.

އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރީ 5 މީހެކެވެ. އޭގެ ތެރެއިން 4 މީހަކު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ. ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން ގެންދަނީ އެންމެ މީހަކަށެވެ.

އައްޑޫ ސިޓީން މިއަދުވަނީ 157 ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެވެ. ކޮވިޑާ ގުޅިގެން 214 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ. ކޮވިޑް ޑައިރެކްޓް ކޮންޓެކްޓްސް ގެ ގޮތުގައި މިހާރުވަނީ 345 މީހުން ފާހަގަ ކުރެވިފައެވެ.

އައްޑޫ ސިޓީން މިހާރު ގެންދަނީ ރެންޑަމް ސާމްޕަލް ވެސް ނަގަމުންނެވެ. އެހެންނަމަވެސް އެއްވެސް ސާމްޕަލެއް އަދި ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ހިތަދޫން މިއަދު ވަނީ 143 މީހަކަށް ވެކްސިން ދީފައެވެ. މިއާއެކު މުޅި ރާއްޖެއިން ކޮވިޑް ވެކްސިން ދެވުނު މީހުންގެ އަދަދު ވަނީ 64،048 އަށް އަރައިފައެވެ.