ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށް ދާން ބޭނުންވާ 18000 ވުރެ ގިނަ މީހުން މިހާތަނަށް ސަރުކާރުންވަނީ ފޮނުވާލާފައެވެ.

އެގޮތުން އިއްޔެވެސް ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 200 މީހުން އަނބުރާ ފޮނުވާލާފައެވެ. އިމިގްރޭޝަނުގެ ތަފާސްހިސަބުތައް ދައްކާގޮތުން މިހާތަނަށް އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލުމަށް އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަށާރަހާސް ނަވާރަ ބިދޭސީއަކުވަނީ ޤައުމަށް ފޮނުވާލާފައެވެ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާޢިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފެށިތަނާހެން ކުރިމަތިވި ކޯވިޑް-19ގެ ޙާލަތު ކުރިމަތިވި ނަމަވެސް މިޙާލަތުގައިވެސް މިމަސައްކަތް ހުއްޓުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ.

.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މޯލްޑިވްސް އިމިގްރޭޝަނާއި ޤައުމީ އެއަރލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މީގެ ކުރިންވަނީ އެކު ޤައުމުތަކަށް ނިސްބަތްވާ މީހުން ފޮނުވާލާފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރަމުންގެންދިޔަ ނޭޕާލް ސްރީލަންކާ އަދި ފިލިޕިންސް ތައިލެންޑް އިންޑޮނޭޝިއާ އިންޑިއާއަށް ނިސްބަތްވާ މީހުން މީގެ ތެރޭގައި ހިމެނެއެވެ.

ކޯވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް ހުޅުވާލުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެހީގައި ޤައުމަށް އަނބުރާ ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަނީ ހަމައެކަނި ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ.

މިއަހަރު ނިމޭއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް ލިޔެކިޔުމެއްނެތި ތިބި މީހުންގެ ތެރެއިން ވިހި ހާސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެވެ.. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު ފަސްދޮޅަސް ހާހަށް ވުރެ ގިނަ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އަދި ރާއްޖެއަށް އެތެރެވުމުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ބެލޭނެ އިންތިޒާމުތަކެއް ހަމަޖައްސާ އެކަމަށް ޚާއްސަ އުސޫލުތައް ސަރުކާރުން އަންނަނީ އެކުލަވާލަމުންނެވެ.