ޗައިނާގެ މިނިވަންކަމުގެ ފުރަތަމަ 50 އަހަރުގެ ތެރޭގައި ޗައިނާ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އިން ލެޓިން އެމެރިކާއާ ދޭތެރޭ އެއްވެސް ޝައުގުވެރިކަމެއް ދައްކާފައެއް ނުވެއެވެ. އެމެރިކާއިން ދިޔައީ މި ސަރަހައްދަށް ނުފޯޒު ފޯރިވައި ގަޔާވާ ސަރުކާރުތަކަށް އެހީތެރި ވެދެމުންނެވެ. މި ސަރަހައްދުން ފުރަތަމނަ ގައުމަކަށް ޗައިނާއާއެކު ގުޅުން އުފެއްދީ ކިއުބާއިން 1960 ގައެވެ. އެއަށްފަހުވެސް ސަރަހައްދުގެ ގައުމުތަކުން މަޑު ކޮށްގެން ތިބީ އެމެރިކާގެ ރައީސް ރިޗަރޑް ނިކްސަން ބެއިޖިންގއަށް ޒިޔާރަތް ކުރެއްވުމާ ހަމައަށެވެ. 1972ގެ ދަތުރުފުޅަށް ފަހު، އާރޖެންޓީނާއި މެކްސިކޯއިން ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރިއެވެ. ދެ އަހަރު ފަހުން ބްރަޒީލުންވެސް ގުޅުން ގާއިމް ކުރިއެވެ. 1985 ގައި ބޮލީވިއާއިން ބެއިޖިންގއާއެކު ސިޔާސީ ގުޅުން ގާއިމް ކުރިއެވެ.
ބެއިޖިންގއިން ހަގީގީ ޝައުގުވެރިކަމެއް މި ސަރަހައްދާމެދު ފާޅުކޮށްފައިވަނީ ޗައިނާގެ ރައީސް ހޫ ޖިންޓާއޯ 2004 ވަނަ އަހަރު ސަރަހައްދުގެ ބޮޑެތި ގައުމުތަކަށް ޒިޔާރަތް ކުރެއްވުމުންނެވެ.
މައުދަނާއި ފަސްގަނޑު މުއްސަނދި މި ސަރަހައްދަށް ޗައިނާއިން ވަނީ އެފްރިކާއަށް ފާޅުކޮށްފައިވާ ފަދަ ޝައުގުވެރިކަމެއް ފާޅުކޮށްފައެވެ. މިއިން ސަރަހައްދުގެ ސިޔާސީ މަސްރަޙު ޗައިނާއިން ބަދަލުކޯށްލާނެ ކަމާމެދު ބިރުވެރިކަންވެސް ބޮޑެތި ބާރުތަކުން ދަނީ ފާޅު ކުރަމުންނެވެ.
އަދިވެސް ޗައިނާ ޓައިވާނާއި ޗައިނާއިން މި ސަރަހައްދުގެ ގައުމުތަކުގެ ރުހުން ހޯދުމަށް ވާދަ ކުރަން ޖެހެއެވެ.
ޕެރަގުއޭ އިން ބަލާ ގޮތުގައި ޗައިނާ ތަމްސީލް ކުރަނީ ޓައިވާނުންނެވެ. 1957 ގައި ޓައިވާނާއެކު ގުޅުން ގާއިމް ކުރި ގޮތަށް އަދިވެސް ޕެރަގުއޭގެ ސިޔާސަތަށް ބަދަލެއް ނާދެއެވެ. ކޮވިޑާ ގުޅިގެން ޕެރަގުއޭގެ ސެނެޓްގައި ޓައިވާން ދޫކޮށް ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރުމަށް މަޝްވަރާ ކުރެވުނެވެ. މާސްކާއި ވެންޓިލޭޓަރާއި ބޭސްވެސް ޗައިނާއިން ލިބޭނެކަމަށް ވާތުފިޔާގެ ޕާޓީތަކުން ވާހަކަ ދައްކައި ވޯޓަށް އެހުމުން ކާމިޔާބުވީ ޓައިވާނަށް ތާއީދުކުރާ ކަނާތު ފިޔާގެ ޕާޓީތަކަށެވެ. ނަމަވެސް ޗައިނާއިން ފުރަތަމަ ފަހަރަށް ޕެރަގުއޭއަށް އިންސާނީ އެހީ ފޯރުވައި ދިނެވެ. އަދި ވާތު ފިޔާގެ ޕާޓީތަކުން ބުނެފައިވަނީ އެމީހުންނަށް ސެނެޓްގައި އަގްލަބިއްޔަތު ލިބޭ ހިނދު ޗައިނާއާ ސިޔާސީ ގުޅުން ގާއިމް ކުރުމަށް ގާނޫނެއް ފާސްކުރާނެ ކަމަށެވެ.
ދެކުނު އެމެރިކާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ޗައިނާއެވެ. 2019ގައި ޗައިނާ ކުންފުނިތަކުން 12.8 ބިލިއަން ޑޮލަރު މި ސަރަހައްދުގައި އިންވެސްޓް ކުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހަގީގަތުގައި މިއީ ޗައިނާއިން ކޭމަން އައިލެންޑް ފަދަ ތަންތާގައި ޑިޕޮޒިޓް ކުރި ފައިސާއެވެ. އަދި މި ފައިސާއަކީ އަނބުރައި ޗައިނާއަށް ފޮރިން އިންވެސްޓްތަކެއްގެ ގޮތުގައި ހޭދަ ކުރުމަށް ގެންދާ ފައިސާ ކަމަށް އޯޕަން ޖާނަލްގެ ދިރާސާއަކުން ބުނެފައި ވެއެވެ. އެކަމަކު ޗައިނާއިން މައުދަން ނެގުމާއި ދަނޑުވެރިކަމުގައި އިންވެސްޓް ކުރަމުން ގެންދެއެވެ. އަދި މަގުހެދުމާއި ބަނދަރު ހެދުމާއި އެހެން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްތްތަކުގައިވެސް އިންވެސްޓް ކުރަމުން ގެންދެއެވެ.
ޗައިނާއިން ގިނަ އަދަދަކަށް އުރުގުއޭއިން ބީފް އެތެރެ ކުރެއެވެ. އަދި ޗިލީއިން ލޮއެ އެތެރެ ކުރެއެވެ. ކޮލަމްބިއާއިން ތެލާއި ބްރަޒީލުން ސޯއި އެތެރެ ކުރެއެވެ.
މިއިން ބައެއް ގައުމުތަކުން ބުނާ ގޮތުން ޗައިނާއަށް ބަރޯސާ ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ޗައިނާއަކީ އެންމެ ބޮޑު މާކެޓް ކަމުން އަދި ފަސޭހައިން އުފެއްދުންތައް ޗައިނާއަށް ވިއްކާލެވޭތީ އެންމެ ފަސޭހަ ބާޒާރަކަކށްވެސް މި ގައުމުތަކަށް ލިބެން އޮތީ ޗައިނާއެވެ.
ޗައިނާއިން ދެކޭ ގޮތުގައި މި ގައިމުތަކުގައި އިންވެސްޓް ކުރުމުން ޗައިނާއަށް އޭގެ ބަދަލުގައި ސިޔާސީ މަންފާއެއް ލިބެއެވެ. މިދިޔަ ހަތަރު އަހަހރުގެ ތެރޭގައި ޑޮމިނިކަން ރިޕަބްލިކްއާއި އެލްސެލްވަޑޯރއާއި ޕެނަމާއިން ވަނީ ޓައިވާން ދޫކޮށް ޗައިނާއާއެކު ގުޅުން ބަދަހިކޮށްފައެވެ.
މިފަދަ ބަދަހި ގުޅުން ތަކުން ބައޮނަލްއަގްވާމީ މައިދާނުގައި ޗައިނާއަށް ލިބޭ ފައިދާ ބޮޑެވެ. އަދި ޗައިނާ ބޭނުންވާ ގަރާރު ތަކާއި ޗައިނާއިން ބައިނަލްއަގްވާމީ މުއައްސަސާތަކަށް އައްޔަން ކުރާ މީހުންނަށް ވޯޓްލާނެ ގައުމުތައް ލިބެއެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާގައި ސްޓޭންޑަރޑް ކަނޑައެޅުމަށްޓަކައި ޗައިނާގެ ޓެކްނޮލޮޖީގެ ކުންފުނިތައް ކަމަށްވާ ޒެޑްޓީއީއާއި ވާވޭ، އަދި ޑާހުއާއާއި ހައިކީވިޜަން ފަދަ ކުންފުނިތަކުގެ އުފެއްދުންތައް މި ގައުމުތަކުގެ ގައުމީ ވިއުގައަށް ވެއްދެއެވެ. މި ހުރިހައި ކުންފުންޏަކީ އިންސާނީ ހައްގާއި ވިޔަފާރީގެ އުސޫލާ ޚިލާފްވެގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކުންފުނިތަކެވެ.
ލެޓިން އެމެރިކއާއި ކެރީބިއަންއަށް ޗައިނާގެ އިންވެސްޓްމެންޓާއި ފަސޭހަ ފައިސާ ލިބެނީ ބޮޑު އަގެއް ދައްކައިގެންނެވެ. މިއީ އޭގެ ޒާތުގައި ފުތަރަމައަށް ފާޅުކޮށް ފެންނަން ހުންނަ އެއްޗެއް ނޫނެވެ.
ކޯސްޓާރިކާގައި ތެޔޮ ސާފުކުރާ ކާރުޚާނާއެއް ޒަމާނީ ގޮތަށް ތަރައްގީ ކުރުމަށް ޗައިނާއިން 1.5 ބިލިއަން ޑޮލަރު ހޭދަ ކުރިއެވެ. މި މަސައްކަތް 2016 ވަނަ އަހަރު ހުއްޓުވާލިއެވެ. މި ޕްރޮޖެކްޓްގެ ތިމާވެށްޓަށް ކުރާ އަސަރާ ބެހޭ ދިރާސާ ހަދާދިނީ މަސައްކަތް ކުރި ޗައިނާ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏަކުންނެވެ. މިކަމާ ގުޅިގެން އެތައް ބަޔަކު ހައްޔަރުކުރިއެވެ.
އިކުއެޑޯރގައި ހައިޑްރޯލިކް ޑެމް ހެދުމަށް 1.7 ބިލިއަން ޑޮލަރަށް ސަނޯހައިޑްރޮއާ ހަވާލުކުރި ޗައިނާ އެގްޒިމް ބެންކްގެ ލޯން ޕްރޮޖެކްޓްވެސް ވެގެން ދިޔައީ ތިމާވެށީގެ ކާރިސާއަކަށެވެ. 2016 ގައި މި ޑޭން ހުޅުވާލުމާއެކު ހސާބުގަނޑދުގެ ތެޔޮ ހޮޅިތައް ފަޅައިގެންގޮސް އުފެދުނު ކޮރަޕްޝަންގެ މައްސަލާގައި ގައުމުގެ ނާއިބް ރައީސާއި އެންޓިކޮރަޕްޝަންގެ މަސްއޫލުވެރިންނާއި ކަރަންޓާ ބެހޭ ވަޒީރު ހައްޔަރު ކުރިއެވެ.
ޗައިނާގެ އިންޓަރނޭޝަނަލް ޕްރެކްޓިސްތަކުން ބައިނަލްއަގްވާމީ ނިޒާމުގެ ޓްރާންސްޕޭރެންސީ ގެއްލި ކޮރަޕްޝަނަށް މަގުފަހުވާކަމަށް ދައްކައެވެ. މިއާއެކު އަނެއްކާވެސް ދެފުށް ފެންނަ ބައިނަލްއަގްވާމީ އިންވެސްޓްމެންޓާ ބެހޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް އައު ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފެށިފައިވާތަން ފެނެއެވެ.