ރާއްޖެއިން އިތުރު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެތަނުން ވިދާޅުވީ އެއީ ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި އަދަދު ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 98 މީހަކާއި އަތޮޅުތަކުގެ އެކި ރަށްރަށުން ޕޮޒިޓިވްވި 10 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކާއި، ސަފާރީއަކުން ޕޮޒިޓިވްވި 2 މީހެއް ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. މި ޢަދަދާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 18467 އަށް އިތުރުވެފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި 127 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު ހަމަ އެމުއްދަތުގައިވަނީ 102 މީހުންނަށް ބަލިން ޝިފާ ލިބިފައެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން އަދާހަމައަށް ވަނީ 15965 މީހުން ބަލީން ރަނގަޅު ވެފައެވެ. އެކްޓިވް ކޭސްގޮތުގައި މިހާރު ތިބީ 2446 މީހުން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 159 މީހުން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.