ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެޗުޕީއޭއިން އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު މިއަދަށް ހަމަވުމުން އަނެއްކާ ވެސް 7 ދުވަހަށް އިތުރުކޮށްފިއެވެ.

ކޮވިޑް ހުއްޓުވުމަށް ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް:- ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން- ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ދިނުން- ފުވައްމުލަކުގައި ހިންގާ ފިހާރަތަކާއި ބޭންކު ފަދަ ޢާއްމު ޚިދުމަތްތައް ދިނުމުގައިވެސް އެޗްޕީއޭގެ ގައިޑްލައިނަށް ޢަމަލުކުރުން- ކޮލެޖް ޔުނިވަރސިޓީތަކާއި ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔެވުން ކުރިއަށް ނުގެންދިއުން- ކެފޭ، ހޮޓާ ރެސްޓޯރެންޓުތަކުންދޭ ޚިދުމަތް ހުއްޓާލުން ( އެހެންނަމަވެސް ރައްކާތެރިކަމުގެފިޔަވަޅުތަކާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ) ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރޭގަނޑު 8 އިން ފަތިހު 4 އަށް އެރަށުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި އެއްފަހާރާ ތިން މީހުންނަށްވުރެ ގިނައިން މަގުމައްޗަށް ނުކުމެ އުޅުމާއި އާންމު ތަންތަނަށް އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ޕާޓީތަކާއި ހަފްލާތައް ފަދަ މީހުން އެއްވެގެން ބާއްވާ ހުރިހާ ކަމެއް ވެސް ހުއްޓާލުމަށް ވަނީ އަންގައިފައެވެ. އަދި މީހުން އެއްވެގެން ބާއްވާ ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އެއްއަވަށުން އަނެއް އަވަށަށް ދިއުން ވެސް އެސިޓީގައި ވަނީ މަނާކޮށްފައެވެ.