ރޭގައި ކުޅުނު ފޯރިގަދަ ފައިނަލުގައި އުޒުބެކިސްތާނުގެ ހުމޯ ވީސީ އަތުން ސީދާ ތިން ސެޓުން ކުރި ހޯދައިގެން، ކާވާ އަންހެނުންގެ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024 ގެ ޗެމްޕިއަންކަން ނޭޕާލްގެ ޕޮލިސް ކްލަބުން ހާސިލުކޮށްފިއެވެ.

މާލޭގެ ސޯޝަލް ސެންޓަރުގެ ރޭ 20:30 ގައި ކުޅުނު ފައިނަލުގައި ނޭޕާލްގެ ޕޮލިސް ކްލަބުން ހުމޯ ވީސީ ބަލިކުރީ 16-25، 22-25 އަދި 23-25 އިން ތިން ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެ ހަވީރު 16:00 ގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ ވެމްކޯ ކްލަބު ވަނީ ސްރީލަންކާގެ އެއާފޯސް ކްލަބު އަތުން ފަހަތުން އަރާ 3 ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. މި ވާދަވެރި މެޗުގެ ފުރަތަމަ ދެ ސެޓު 11-25 އަދި 17-25 އިން އެއާފޯސް ކްލަބުން ކާމިޔާބު ކުރި އިރު، ވެމްކޯ ކްލަބުން ވަނީ ދެން އޮތް ތިން ސެޓު 25-13، 25-23 އަދި 15-13 އިން ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

މާލޭގައި ކުރިއަށް ގެންދިޔަ މި ވޮލީ މުބާރާތް ކާމިޔާބު ކަމާއެކީ ނިންމާލާފައިވާއިރު މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗެމްޕިއަންކަން ހާސިލުކުރި ނޭޕާލް ޕޮލިސް ކްލަބުގެ އައުޓް ސައިޑް ހިޓާ، އުޝާއެވެ.