ގދ. ހޯޑެއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.
ހޯނޑެއްދޫ ހެލްތު ސެންޓަރުން މައުލޫމާތު ދެއްވި ގޮތުގައި، އެރަށުން ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން 44 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.. އަދި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ އެންމެ މީހެއް ކަމަށާ އެ ރަށުގައި ކަރަންޓީންގެ ޙާލަތަށް ލާފައިވަނީ އެންމެ ގޭބިސީއެއްކަމަށްވެސް ހޯނޑެއްދޫ ހެލްތު ސެންޓަރުން ވިދާޅުވެއެވެ.
ގދ. ހޯނޑެއްދުއަކީ މާލޭ ސަރަޙައްދު ފިޔަވާ، އަތޮޅުތެރޭން އެންމެ ގިނަ ޢަދަދެއްގެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ރަށެވެ. ގދ. ހޯޑެއްދޫގައި ބޮޑު ކްލަސްޓަރއެއް އުފެދުނީ ސެޕްޓެމްބަރު 4 ގައި އެރަށުން ޕޮޒިޓިވްވި 2 މީހުންގެ ކޮންޓެކްޓުންގެ ތެރެއިންނެވެ. މި ކްލަސްޓަރގެ ތެރެއިން އެކަނިވެސް ޖުމްލަ 40 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މި ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން އެރަށުގައި ތިބިކަމަށް އެޗް.އީ.އޯ.ސީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ހޯޑެއްދޫއިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެ ރަށު ހެލްތް ސެންޓަރުންވަނި އެ ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، އެކްޓިވް ސަރވައިލަންސްގެ ދަށުން 462 ސާމްޕަލްއެއް ނަގާފައެވެ.
، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 45 ސާމްޕަލެވެ. އަދި 343 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވެއެވެ. ހޯޑެއްދޫއިން ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 74 ސާމްޕަލް ވާކަމަށް ހޯޑެއްދޫ ހެލްތު ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.